ވޭޕް ބޭނުންކުރި މައްސަލައިގައި މިހާތަަނަށް 130،500 ރުފިޔާގެ ޖޫރިމަނާ ކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި ވޭޕްގެ މައްސަލަތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާ ކޮށްފައި ވެއެވެ. މި މީހުންގެ ޖޫރިމަނާއަކީ 60،500 ރުފިޔާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިދިޔަ މަހު ޖުމްލަ 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާ ކޮށްފައި ވާއިރު އެ 12 މީހުންގެ ޖޫރިމަނާއަކީ ޖުމްލަ 70،000 ރުފިޔާއެވެ.
އެހެންކަމުން މިހާތަނަށް ބޭޕް ބޭނުންކޮށްގެން ކުރި ޖޫރިމަނާ ވަނީ 130،500 ރުފިޔާއަށް އަރާފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ހިލޭ މީހަކަށް ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެއެވެ. އަދި ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000ގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.
އަދި ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމާނާއެއް އަންނާނެ އެވެ.