ޑްރަގް ކެފޭއެއް ހިންގާ މީހަކާއި ޚިދުމަތް ހޯދި ތިން މީހުން ހައްޔަރުކޮށްފި

ޑްރަގް އައްޑާއެއް --

މަސްތުވާތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ކެފޭއެއް ހިންގާ މީހަކާއި އެތަނުގައި އެވަގުތު ޚިދުމަތް ހޯދަން ގޮސް ތިބި ތިން މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އިއްޔެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ބަންދުގެ މުއްދަތު ޖަހާފައި ވަނީ އެ ކެފޭ ހިންގަން އިސްކޮށް އުޅުނު އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ދެން މުއްދަތު ޖަހާފައި ވަނީ އެ ކެފޭއިން ޚިދުމަތް ހޯދި އުމުރުން 39، 60 އަދި 36 އަހަރުގެ ދިވެހި ތިން ފިރިހެނުންނަށެވެ.

މި މައްސަލައިގައި މި ހަތަރު މީހުންނަށް ވެސް ކުރަނީ މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި އެ ތަނަކީ އޭނާ އިސްވެހުރެ، ކެފޭ އުސޫލުން މީހުންނަށް މަސްތުވާތަކެތި ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ) ފާހަގަކުރިއެވެ. އަދި އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އޮތް ނަމަވެސް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އޭނާއަކީ މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ސަބަބުން ފަރުވާދޭންޖެހޭ މީހެއް ކަމަށް ފެނިއްޖެ ހާލަތުގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއްގައި އޭނާ ބަންދުކުރުމުގެ އިޚުތިޔާރު ފުލުހުންނަށް ލިބޭނެ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އެ ތަނުން ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ބޭނުންކޮށް އަންދާފައިވާ ފޮއިލްތަކާއި ޕައިޕްތައް ފެނިފައި ކަމަށް އައިއޯ ބުނެފައިވާ ކަމަށް އަމުރުގައިވެއެވެ.

އެތަނުން ފުލުހުން ވަނީ 10 މީހަކު އަތުލައިގަނެފައެވެ. ނަމަވެސް އޭގެ ތެރެއިން ހަ މީހުން ބަންދުން ދޫކޮށްލާފައިވާއިރު، ކެފޭ އިސްކޮށް ހިންގާ މީހާއާއި ޚިދުމަތް ހޯދި ތިން މީހުންގެ ބަންދުގެ މުއްދަތު ވަނީ ޖަހައިފައެވެ. އެގޮތުން:

  • ކެފޭ އިސްކޮށް ހިންގި މީހާ 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން އަމުރުކުރި
  • ކެފޭއިން ޚިދުމަތް ހޯދި ތިން މީހުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކުރި

ކްރިމިނަލް ކޯޓު އަމުރުން އެނގޭ ގޮތުގައި ކެފޭ ހިންގަން އިސްކޮށް ހަރަކާތްތެރިވާ މީހާއަކީ ބަންދުގެ ރެކޯޑު ގިނަ މީހެކެވެ. އަދި ޚިދުމަތް ހޯދި ތިން މީހުންގެ ތެރެއިން ދެމީހުންނަކީ ބަންދުގެ ރެކޯޑު އޮތް ދެމީހުންނެވެ. ދެން ހުރި މީހާއަކީ 2015ވަނަ އަހަރުން ފެށިގެން އިތުރު ރެކޯޑެއް ނެތް މީހެކެވެ.

މި ހަތަރު މީހުން ވެސް ވަނީ މި މައްސަލައިގައި ވަކީލަކު ބޭނުންނުވާކަމަށް ބުނެފައެވެ.

ހަތަރު މީހުންގެ ވެސް ބަންދުގައި ބެހެއްޓުމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަކަމަށް ބެލެވޭތީއެވެ. އަދި އެ މައްސަލައިގައި އެމީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

comment ކޮމެންޓް