އެމްޑީޕީގެ ވެސް ވޯޓާއެކު ބުރުނީން ރައީސް ޔާމީނަށް ސުޕަ މެޖޯރިޓީ ހޯދައިދޭނަން: ރިޔާޒު

ތ. ބުރުނީގެ ނަރުދަމާ ނިޒާމު އިފްތިތާހުކުރުމުގެ ޖަލްސާގައި ރައީސް ޔާމީން، އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު -- ފޮޓޯ/ އެންވާރަމަންޓް މިނިސްޓްރީ

ތ. ބުރުނީގެ އެމްޑީޕީ މެންބަރުންގެ ވޯޓާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ރަށުގެ ސުޕާ މެޖޯރިޓީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހޯދައިދެއްވާނެކަމަށް ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ބުރުނީގެ ނަރުދަމާ ނިޒާމު އިފްތިތާހުކުރެއްވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ބުރުނީގެ ރައްޔިތުންގެ މީގެ ކުރިން ތިބީ އެ ރަށުން ބާލަފާނެކަމުގެ ބިރުވެރިކަމެއްގައި ކަމަށާއި އެ ރައްޔިތުން ރަށުން ނުބާލާނެ ކަމުގެ ޔަގީންކަން ދެއްވީ ރައީސް ޔާމީން ކަމަށެވެ.

"އެހެން އަޅުގަނޑު މި ދަންނަވަނީ މި ރަށުގައި ނަރުދަމާގެ ނިޒާމެއް މިއަދު ގާއިމުކުރައްވައިފި. މި ރަށުގައި އެންމެ މި ޒަމާނުގެ އިންޖީނުގެއެއް ގާއިމުކުރައްވައިފި. ދުވާލުގެ ގިނަ ވަގުތު ސޯލާއިން މުޅި ރަށަށް ކަރަންޓު ލިބެމުންދާނީ،" ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރިޔާޒު ވިދާޅުވިއެވެ.

އަސާސީ ގިނަ ހިދުމަތްތަކުގެ އިތުރުން ކުޅިވަރު ކުޅޭނެ ވަސީލަތްތަކެއް ވެސް ރައީސް ޔާމީން ބުރުނީގައި ގާއިމްކޮށްދެއްވަމުން ގެންދަވާކަން ރިޔާޒު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ރައީސް ޔާމީނަކީ އާބާދީއަށް ބެލުމެއް ނެތި ތަރައްގީ ގެނެސްދެއްވާ ވެރިއެއްކަން މިއަދު ކަށަވަރުވެގެންދާ ކަމަށެވެ.

މީގެ ކުރީގެ ސަރުކާރުތަކުން ބުރުނީގެ ތަރައްގީއަށް އެކަށީގެންވާ ހިދުމަތްތަކެއް ކޮށްދެއްވާފައި ނުވާކަން ފާހަގަކުރައްވަމުން ރިޔާޒު ވިދާޅުވީ ބުރުނީގެ ރައްޔިތުން މީގެ ކުރިން އުންމީދުވެސް ނުކުރާ ވަރުގެ ތަރައްގީއެއް ރައީސް ޔާމީން އެރަށަށް ގެނެސްދެއްވި ކަމަށެވެ.

"އެކަމަށްޓަކައި، 2018 ގެ އިންތިހާބުގައި އެމްޑީޕީގެ ހުރިހާ މެންބަރުންގެ ވޯޓާއެކު މި ރަށުގެ ސުޕަ މެޖޯރިޓީ ﷲގެ އިރާދަފުޅާއެކު ރައީސް ޔާމީނަށް ހޯދައި ދޭނަން. އެ މަސައްކަތް ރައްޔިތުން ކޮށްދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް،" އެމްޑީޕީއަށް ނިސްބަތްވާ ބުރުނީ ކައުންސިލްގެ ރައީސވެސް އިންނެވި ޖަލްސާގައި ރިޔާޒު ވިދާޅުވިއެވެ.

ސެޕްޓެމްބަރ 23 ގައި ބާއްވާ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދޭންޖެހޭ ބައެއް ސަބަބުތައް ރިޔާޒު ވިދާޅުވެދެއްވިއެވެ. އެގޮތުން ރައީސް ޔާމީންގެ އިގްތިސޯދީ ސިޔާސަތުގެ ދަށުން ބޭރުގެ ފަރާތްތަކަށް ބަރޯސާނުވެ އަމިއްލަ އިގްތިސާދެއްގެ މަތީގައި ރާއްޖެ އޮތްކަން ރިޔާޒު ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީން ނޫން އެހެން ވެރިއެއް ހުރެއްޖެނަމަ ރާއްޖޭ އިގްތިސޯދި އަދަވަޅަކަށް ވައްޓާލާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް