ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް ދިވެހީންގެ މެދުގައި އޮތް ތާއީދު، އަތޮޅު ތެރެއިން މީހުން ނުގެނެސް ވެސް ހާމަވެގެން ހިނގައްޖެ ކަމަށް ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމްއަށް އެރުވުމަށް ރޭ އަލިމަސް ކާނިވަލް ސަރަހައްދުގައި ބޭއްވި ޖަލްސާ ފަށަން ކަނޑައަޅާފައިވާ ވަގުތު ޖެހުނު އިރުވެސް އެ ސަރަހައްދުގައި ޖަހާފައި ހުރި ގިނަ އަދަދެއްގެ ގޮނޑިތައް ހުރީ ނުފުރިއެވެ. ހުސްކޮށް ހުރި ބައެއް ގޮނޑިތައް ނެގުމަށް ފަހު ޖަލްސާ ފަށާފައި ވަނީ ފަށަން ބުނި ގަޑީގެ އެއް ގަޑިއިރު ފަހުންނެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ޖޭޕީއަށް ތާއީދު ނެތްކަމަށް ބުނެ ފާޑު ކިޔާފައެވެ.
ޖޭޕީއަށް އަމަޒުވީ ފާޑުކިޔުންތަކަށް ރައްދު ދެއްވައި، ރިޔާޒް ރަޝީދު ވިދާޅުވީ، އިދިކޮޅުން ތިބީ ހުސްގޮނޑި ގުނަން ކަމަށާއި، ޖަލްސާ ފެށުމުގެ ކުރިން ހުސްގޮނޑީގެ ފޮޓޯނަގައި ޓްވީޓު ކޮށްފައި ވަނީ އެމީހުންގެ ހިތުގައި އުފެދޭ ނަފުރަތާއި ހަސަދަވެރިކަން ބޮޑުކަމުން ކަމަށެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓް ގާސިމަށް ދޭން ނިންމާފައިވަނީ އެ ކަމަށް އިއުލާނު ކުރުމަށް ފަހު ގާސިމް އެކަނި ކުރިމަތިލެއްވުމުން އެ ޕާޓީގެ ކައުންސިލްގެ އިއްތިފާގުންނެވެ.
ރޭގެ ޖަލްސާގައި އެކި ދާއިރާތަކުގެ ތަމްސީލްވުން ދައްކުވައިދޭ ވީޑިއޯ ރިޕޯޓަކަށް ފަހު ގާސިމާ ރިޔާސީ ޓިކެޓް ހަވާލު ކޮށްދެއްވީ ކެލާ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ޖޭޕީގެ ސެކެޓްރީ ޖެނަރަލް އަލީ އާރިފެވެ. މި ޖަލްސާގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޖޭޕީން ބޭނުންކުރާނެ ސްލޯގަން (ހާސްކަނޑާލާ ހަމަޖެހޭނެ, ގާސިމް 2023) އާއި ލަވަ ވެސް އާންމު ކޮށްފައެވެ.