ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ގައުމީ ލަފާދޭ ކޮމިޓީން މިއަދު ބޭއްވި ތިންވަނަ ބައްދަލުވުން، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ބޮއިކޮޓް ކުރައްވައިފިއެވެ.
އޭނާ ކޮމިޓީ ބޮއިކޮޓް ކުރެއްވީ، ސަރުކާރު ކުންފުނިތަކުން އިންތިޚާބަށް ނުފޫޒު ފޯރުވާ ވާހަކަ ދައްކަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ފުރުސަތު ނުދިން ކަމަށް ވިދާޅުވެއެވެ.
ރިޔާޒް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަރުކާރަށް ކެމްޕެއިން ކުރުމަށް އެހީތެރިވާ ކަމަށެވެ. އެގޮތުން ފެނަކައަކީ ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށާއި 24 ގަޑިއިރު އެ ކުންފުނިން ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތް ކަމަށް ރިޔާޒް ވަނީ ތުހުމަތު ކުރައްވާފައެވެ.
އޭނާ އެ ވާހަކަ ދައްކާފައި ވަނީ ކޮމިޓީގެ މެމްބަރުން ވާހަކަ ދައްކަން ދިން ތިން މިނެޓުގެ ތެރޭގައެވެ. އޭނާއަށް ވާހަކަ ދައްކަން ދިން ތިން މިނެޓު ހަމަވުމުން، ވާހަކަ ކުރުކޮށްލަން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އެދިވަޑައިގަތެވެ.
"އެހެން ފުރުސަތެއް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑު މި ކޮމިޓީއަށް އަންނާނީ އަޅުގަނޑުމެންގެ މިހެން ހުރި ކަންކަމުގެ ވާހަކަ ދެއްކުމުގެ ފުރުސަތު ކޮމިޝަނުން ދެއްވަންޏާ. އަޅުގަނޑަށް ހީވަނީ ވަރަށް އަޑުއައްސަވާލެއްވުން ރަނގަޅު ވާހަކައެއްހެން މިއީ،" ވަގުތު ހަމަވުމުން ހިތްހަމަނުޖެހުން ފާޅުކޮށް ރިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، މިފަދަ ވާހަކަތައް ދައްކާނެ ފުރުސަތު ނެތި ކޮމިޓީގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ވިދާޅުވެ އޭނާ ވަނީ ކޮމިޓީ ދޫކޮށް ނުކުމެވަޑައިގެންފައެވެ.
ރިޔާޒް ރަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަން ބޭނުންވާ ކަމަށްް ހަބީބް ވިދާޅުވި ނަމަވެސް އެ ވާހަކަ އަޑު އައްސަވަން އޭނާ މަޑުކުރައްވާފައެއް ނުވެއެވެ.
ހަބީބު ވިދާޅުވީ ލަފާދޭ ކޮމިޓީގައި ދައްކަން ވާނީ ކަމާ ގުޅުން ހުރި ވާހަކަތައް ކަމަށާއި ޝަކުވާއެއް އޮތް ނަމަ އޮންނަ އުސޫލުގެ ތެރެއިން އެ ޝަކުވާ ހުށަހެޅުމަށެވެ.
"މިތާގަ ވާހަކަ ދައްކަން ވީ ލަފާ ދޭ ކޮމިޓީގެ ވާހަކަ ކޮމިޓީގެ މެމްބަރުންނަށް ނިސްބަތް ކޮށް. ދިވެހި ރއްޔިތުންނަށް ކަންކަން އެންގުމަށް ޓަކައި ބާއްވާ ލަފާ ދޭ ކޮމިޓީ ބައްދަލުވުމެއް ނޫން މީކީ. އުސޫލެއްގެ ގޮތުން ކޮންމެ ބޭފުޅަކު ވާހަކަ ދައްކަން މާ ގިނަ ވަގުތެއް ނުދެނޭ ދެއްތޯ،" ހަބީބު ވިދާޅުވިއެވެ.
އިންތިޚާބުތަކަށް ލަފާދޭ ކޮމިޓީ އެކުލަވާލަނީ ވާދަކުރާ ޕާޓީތަކުގެ މަންދޫބުންނާއި ކަމާ ގުޅުންހުރި އިދާރާތައް ހިމަނައިގެންނެވެ.
ދެހާސްއަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، މިއަހަރު ވެސް އެމްޑީޕީ ކޯލިޝަނާ ގުޅުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޖޭޕީއަށް ދައުވަތު ދެއްވި ނަމަވެސް އެ ޕާޓީން ނިންމާފައި ވަނީ އަމިއްލައަށް ވާދަކުރުމަށެވެ. އެގޮތުން އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭން ހަރަކާތްތައް މިހާރު ދަނީ ބާއްވަމުންނެވެ.