ރީ-ރަޖިސްޓްރޭޝަން ފޯމުތައް ނުލެވިގެން އިދިކޮޅު މީހުން އެންމެ ފަހު ވަގުތު ކޮމިޝަނަށް އަރައިގަތް: ރައީސް

ރައީސް ޔާމީން ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރިޔާސީ އިންތިހާބަށް ރީ- ރަޖިސްޓްރީ ކުރަން ހުޅުވާލި ފުރުސަތުގައި އެންމެ ފަހު ވަގު އިދިކޮޅު މީހުންގެ ފޯމުތައް ނުލެވިގެން "އިލެކްޝަންސް ކޮމިޝަނަށް އަރައިގަތް" ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ތ. ވޭމަންޑުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ ގަދަ ބާރު ދައްކައިގެން ކަންކަން ކުރަން ކަމަށެވެ. ރީ-ރަޖިސްޓްރޭޝަނަށް އިދިކޮޅު ފަރާތްތަކުން ފޯމު ހުށަހަޅަން އެންމެ ފަހު ވަގުތަށް މަޑުކޮށް އެ ފޯމުތައް ނުލެވިގެން "އެތަނަށް އަރައިގަތީ" ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި އެކަން ހުއްޓުވަން ޖެހުނީ ފުލުހުން ގެންގޮސްގެން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ދާދިފަހުން ރި-ރެޖިސްޓްރީކޮށް ނިންމީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ލާ ވޯޓަށް. ކިހިނެތްތޯ އެކަންވެސް ނިމިގެން ދިޔައީ. އަޅުގަނޑުމެން ހުށަހަޅާ ފޯމުތައް ދައުލަތުން ނިންމާ ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން އެ ކަނޑައަޅާ މުއްދަތަކަށް ހުށަހެޅޭތޯ ބަލަން. އެބޭފުޅުން އެންމެ ފަހު ދުވަހަށް ބެހެއްޓި ފޯމުތައް ނުލެވިގެން އެތަނަށް އަރައިގަތީ. އެންމެ ފަހުން ފުލުހުން ގޮސްގެން އެކަންވެސް ހުއްޓުވަން ޖެހުނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި ދާދި ފަހުން އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވޯޓުލައި ނިންމީ ވޯޓުގެ ނިޒާމެއް ނެތި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެބޭފުޅުން ވޯޓުލާކަށް ބަންދުކޮށްފައި ހުންނަ ފޮއްޓެއް ބޭނުމެއް ނުވޭ. ހަަމަ ބާލިދީ އަކާއި ކޮންކްރީޓް މެޝިނަކާ ހުރިއްޔާ ވޯޓުލަމުން ދާންވީ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ "ރާއްޖޭގައި ހިޔާލުފާޅު ކުރެވޭނީ މީހުންގެ މިނިމަސް ކައިގެން ނޫން" ކަމަށެވެ. ހަމަ އެގޮތަށް އެއްވެ އުޅޭއިރު އެހެން މީހުންނަށް އުނދަގުވާގޮތަކަށް އެއްވެ ނޫޅެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރާއްޖޭގައި ޑިމޮކްރެސީ ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަނީ އެދެ ކަންތައް ނުކުރެވިގެން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ދެންވެސް ރައްޔިތުން އަޅުގަނޑު ހޮއްވަވައިފި ނަމަ މިކަހަލަ ކަންކަން ދޫކޮށްލާކަށް އަޅުގަނޑު ނެތިން. އަދިވެސް މިކަންކަން ހުންނާނީ އަޅުގަނޑުގެ ފޮތުގައި ކުށެއް. އަޅުގަނޑުގެ ފޮތުގައި މިއީ ގިނަ މައުސޫމު ރައްޔިތުންނަށް އުނދަގޫ ކަމެއް." ރައީސް ޔާމީން ވިދާޅުވި އެވެ.

ޑިމޮކްރެސީ ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކާއިރު އެއްވެސް ރަށެއްގެ މަޝްރޫއަކަށް ފައިސާ ފޮއްޗެއް ދޭން އެމްޑީޕީގެ މަޖިލިސް މެމްބަރުން ބަޖެޓަށް ވޯޓު ދެއްވާފައި ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް