އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
މީގެ ތިން މަސް ކުރިން ވެސް އެ ކޮމިޝަނަށް ވަނީ އާ ދެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައެވެ. ނަމަވެސް ހުށަހެޅި ލިއުންތައް ފުރިހަމަ ނުވުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދެ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދީފައެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ އަނެއްކާ ވެސް ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާއި ގުޅޭ ގޮތުން ކޮމިޝަންގެ ގާނޫނީ ޓީމުން ބަލަން ޖެހޭ ބެލުންތައް ބަލަމުން އަންނަ ކަމަށެވެ. އަދި އަންނަ ހަފްތާގައި ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅި ފަރާތަށް އެކަމުގެ ޖަވާބު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި މި ފަހަރު ޕާޓީ އުފެއްދުމަށް ހުށަހަޅާފައިވަނީ މީގެ ކުރިން ޕާޓީ އުފައްދަން ހުށަހެޅި ފަރާތްތަކަކުން ނޫނެވެ. މިފަހަރު ޕާޓީ އުފެއްދުމަށް ހުށަހަޅާފައިވަނީ އެމްޑީޕީގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލެއްކަން ވަނީ އެނގިފައެވެ.
ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ހަ ސިޔާސީ ޕާޓީއެއް މިހާރު ހިންގައެވެ. އެއީ އެންމެ ގިނަ އަދަދެއްގެ މެމްބަރުން ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އާއި ދެވަނަ އަށް އެންމެ ގިނަ މެމްބަރުން ހިމެނޭ އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހުރީ ޕާޓީ އާއި މޯލްޑިސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި އަދާލަތު ޕާޓީ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ބައެއް ޕާޓީތަކަށް މެމްބަރުން ހަމަނުވެގެން މީގެ ކުރިންވަނީ އުވާވެސް ލާފައެވެ.