އަދުރޭ އިބޫއަށް: ޕީޖީގެ ލީޑަރަކަށްވެހުރެ ނުކުރެވުނު ކަމެއް ދެން ނުކުރެވޭނެ!

ޕީޕީއެމް "ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރަކަށްވެ ހުރެ ނުކުރެވުނު ކަމެއް އެހެން މަގާމަކަށް އައިސްގެން ވެސް ކޮށް ނުދެވޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

"އަޅުގަނޑު ސުވާލު ކޮށްލަން ބޭނުންވަނީ، އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކަށް އޭރުގައި ނުކުރެވުނު ކަމެއް ނުވަތަ އޭރު ރައްޔިތުންނަށް ނުދެއްކުނު ގާބިލްކަމެއް ނުވަތަ އޭރު ޑިމޮކްރަސީގެ އުސޫލާ އެއްގޮތަށް ނުކުރެވުނު ކަމެއް ވަކި އެހެން މަގާމަކަށް ވަޑައިގަތަސް ނުކުރެވޭނޭ،" ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވިއެވެ.

އެހެން ވިދާޅުވާން ޖެހުނު ސަބަބުތައް ވެސް އަދުރޭ ފާހަގަކުރެއްވިއެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ގަވާއިދު ހަމަޖެހިފައި އޮންނަ ގޮތުން، ރައްޔިތުން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައި ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަކީ އިދިކޮޅު ޕާލިމެންޓަރީ ލީޑަރަކު ކުރަން މަޖުބޫރު ކަމެއް ކަމަށް ބުނެފައި އޮތް ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރު ވެސް އެކަން އިބޫ ކޮށްފައިނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ނަގަން ޖެހޭ އެ ޒިންމާ އަދާ ނުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން ހަވާލުކޮށްފައި އޮތް މަސްއޫލިއްޔަތުތަކަށް އިބޫ އިހުމާލުވެފައިވާ ކަމަށެވެ.

ދެން އަދުރޭ ފާހަގަކުރެއްވީ މިއަހަރުގެ ފެބްރުއަރީ އެކެއްގައި ހިނގައިދިޔަ ކަންތައްތަކެވެ.

އެގޮތުން އެދުވަހު އިދިކޮޅުގައި ތިއްބެވި ބޭފުޅުން އެކީގައި ތިބެ، ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ދެއްވައިގެން، ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ރައްޔިތުން އިންތިހާބު ކޮށްފައި އޮތް ގާނޫނީ ވެރިކަމެއް ގާނޫނުން ބޭރުން ވައްޓާލަން ގެންނަން އުޅުނު ބަޣާވާތަކީ ކޮން ހަމައަކުން ކުރެއްވި ކަމެއްތޯ އަދުރޭ ސުވާލު އުފެއްދެވިއެވެ.

"މިހުރިހާ ކަމެއް މިހެން ހިނގާދިޔަ އިރު، މިކަންކަމުގެ ޒިންމާ ނަގަންޖެހޭ ބޭފުޅުން އޭރުގަ ޒިންމާ ނުނަންގަވާފައި މާދަމާ ރައްޔިތުންގެ މައްޗަށް ބަސް ބުނަން ވަޑައިގަންނަވާފައި ނެގޭނީ ކޮން ޒިންމާއެއްތޯ ރައްޔިތުން އެބަޖެހޭ ވިސްނައިވަޑައިގަންނަން،" އިބޫއަށާއި އިދިކޮޅަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ ވާހަކަފުޅުގައި އިދިކޮޅު އެމްޑީޕީއަށް ވެސް ވަނީ ބަހުގެ ހަމަލާތަކެއް ދީފައެވެ. އެގޮތުން އެބޭފުޅުން ރާއްޖެއަށް ގެންނަން ބޭނުންވާ ޑިމޮކްރަސީ ދެކެފިން ކަމަށާއި އެ ޑިމޮކްރަސީގެ ކަންކަން ހިނގައިދިޔަ ގޮތް ވަރަށް ގާތުން ރައްޔިތުން ތަޖުރިބާ ކޮށްފި ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އެމްޑީޕީން ބޭނުންވެގެން އުޅޭ ޑިމޮކްރަސީ ދިވެހިން ބޭނުން ނުވާ ކަމަށާއި އެމްޑީޕީން ވެރިކަން ކުރީ ރައްޔިތުންގެ ވިސްނުމާއި ބޭނުންވާ ގޮތަކަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ގާނޫނު ހުރި ތަނެއްގައި ބާއްވާފައި ގާނޫނަކަށް ނުބަލައި ބޭނުންވާ ކަމެއް ކުރުމަށް ގާނޫނީ އިމުގެ ތެރެއިން ފުރުސަތު ނުލިބިއްޖެއްޔާ ޗާޓުން ބޭރަށް ނުކުމެގެން ވެސް އެކަމެއް ކުރައްވާނަމޭ ވިދާޅުވެ ކުރައްވަމުން ގެންދެވި މަންޒަރު. އެއީ ޑިމޮކްރަސީގެ އުސޫލެއް ނޫން،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޑިމޮކްރަސީގެ ހަމަތައް ހަމައެކަނި ގެންގުޅޭ ޕާޓީއަކީ ޕީޕީއެމް އެވެ. އަދި އެ ނޫން ޕާޓީއަކު ޑިމޮކްރަސީގެ ހަމަތައް ގާއިމްކުރެވިފައެއް ނެތްކަން ފާހަގަކުރައްވައި ޕީޕީއެމްގެ އެތެރޭގައި ހުރިހާ ކަމެއް ހިނގަމުންދާނީ ޑިމޮކްރަސީއާ އެއްގޮތަށް ކަމަށް ވިދާޅުވިއެވެ.

އެއީ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުން ކަމަށްވިޔަސް އަދި ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ޓިކެޓް ދިނުން ކަމަށްވިޔަސް އެކަން ދާނީ ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

comment ކޮމެންޓް