ރިޔާސީ އިންތިހާބްގެ ވޯޓާސް ލިސްޓް މޭ މަހު، ޖޫން މަހު ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލަނީ

ލޯކަލް ކައުސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ބައެއް ވޯޓް ފޮއްޓެއް ގުނަނީ: މި އަހަރު އޮންނަ ރިޔާސީ އިންތިހާބްގެ ވޯޓާސް ލިސްޓް މޭ މަހު އިއުލާން ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓް، މޭ މަހު އިއުލާންކޮށް އެއަށް އިސްލާހު ހުށަހަޅައި ރީ ރެޖިސްޓްރޭޝަންކުރުމަށް ޖޫން މަހު ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް 'ސަން' އަށް ވިދާޅުވީ، މިހާރު އެންމެ ބާރަށް ކުރަމުން އަންނަ މަސައްކަތަކީ ރިޔާސީ އިންތިހާބުގެ ކުރިން ފުރިހަމަ ކުރަން ހުރި އިދާރީ ކަންތައްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އިދާރީ ކަންތައްތަކުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންގެ ކަލަންޑަރާ އެއްގޮތަށް އިދާރީ ހުރިހާ މަސައްކަތްތަކެއް ކުރިއަށް މިއޮތް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބްގައި ވޯޓް ލާނެ މީހުންގެ ލިސްޓް މޭ މަހު އިއުލާންކުރުމުގެ މަސައްކަތް މިހާރު އެންމެ ބާރު ސްޕީޑްގައި ކުރިއަށް ދަނީ. މޭމަހު ވޯޓާސް ލިސްޓް އިއުލާންކޮށް އަދި ޖޫން މަހު ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލުމުގެ މަސައްކަތް ކުރިއަށް މިދަނީ،" އަކްރަމް ވިދާޅުވިއެވެ.

ވޯޓާސް ލިސްޓް އަވަހަށް އިއުލާން ކުރުމަށް މަސައްކަތް ކުރަމުންދަނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ގިނަ ދުވަސްތަކެއް ދިނުމަށް ކަމަށާއި ރީ ރަޖިސްޓްރޭޝަނަށް ވެސް ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ވޯޓާސް ލިސްޓް އިއުލާން ކުރުމަށްފަހު އިންތިހާބް މޮނިޓާ ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އެއަށްފަހު އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

"އިލެކްޝަން ކޮމިޝަންގެ ވިސްނުން މިހުރީ ރައްޔިތުންނަށް ފަސޭހަ އިންތިހާބެއް ފޯރުކޮށްދޭން. އަދި މިނިވަން އިންސާފްވެރި ހާމަކަން ބޮޑު އިންތިހާބެއް ގޮތުގައި،" އަކްރަމް ވިދާޅުވިއެވެ.

comment ކޮމެންޓް