ޕީޕީއެމްގެ ގިނަ ޖަލްސާތަކެއް ކުރިއަށް ގެންދާ "ރުމާލު 2" ޖަގަހައިގެ ސްޓޭޖުގައި ރޭ ރޯކޮށްލައިފި އެވެ.
ޕީޕީއެމްގެ ޒުވާނުން ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް މިއަދު "ސަން" އަށް ވިދާޅުވީ ރޯ ކޮށްލާފައި ވަނީ ރޭ ފަތިހު 4:20 އެހާކަންހާއިރު ކަމަށާއި އެ ކަން ކުރީ އެންމެ މީހަކު ކަމަށެވެ.
"ޖަގަހަ ބަލަހައްޓަން ހުރީ އެންމެ ސެކިއުރިޓީ މީހެއް. އޭނާ އަށް ބިރު ދައްކައި އެތެރެއަށް ވަނުމަށް އަލިފާން ރޯކުރަން ފުރަތަަމަ އުޅުނީ ޖަގަހައިގެ ފަސްޓް ފްލޯގައި ހިންގާ ޕީޕީއެމް ސޯޝަލް މީޑިއާ އޮފީހުގައި. ދަގަނޑު ގޭޓެއް ހުރުމުން އެކަން ނުވުމުން އޭނާ ޕެޓްރޯލް ޖަހައި ސްޓޭޖުގައި ރޯ ކޮށްލީ." އިބްރާހިމް ޔޫސުފް ވިދާޅުވި އެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގެ ސްޓޭޖުގައި ރޭ ރޯކޮށްލާފައި-- ފޮޓޯ: ޕީޕީއެމް
އޭނާ ވިދާޅުވީ އެ ޖަގަހައިގެ ސްޓޭޖުގައި ރޯކޮށްލުމުގެ ސަބަބުން ސްޓޭޖާއި ޕޯޑިއަމްގެ އިތުރުން މޭޒެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
އިބްރާހިމް އިތުރަށް ވިދާޅުވީ އެ ޖަގަހައަކީ ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަ ތަނަކަށް ވާތީ، އެ މަންޒަރުތައް ރެކޯޑް ކުރެވިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގެ ސްޓޭޖުގައި ރޭ ރޯކޮށްލާފައި-- ފޮޓޯ: ޕީޕީއެމް
ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން" އަށް ވިދާޅުވީ އެފަދަ މައްސަލައެއް ހުށައަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.