ބިރުދެއްކިޔަސް ގާނޫނީ ވާޖިބު އަދާކުރަން އިމިގްރޭޝަން އޮފިސަރުން ފަހެއް ނުޖެހޭނެ

އިމިގްރޭޝަން އޮފިސަރުންނަށް މޯލްޑިވްސް އިމިގްރޭޝަންގެ ގާނޫނުން ލިބިފައިވާ އިޚްތިޔާރާ ބާރުގެ ދަށުން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް ފަސްނުޖެހި އަޅާނޭ ކަމަށް އެ މުއައްސަސާއިން ޔަގީންކަން ދޭ -- ސަން ފޮޓޯ

ބައެއްގެ ފަރާތުން ކިތަންމެ ވަރަކަށް ބިރުދެއްކުމާއި އެހެނިހެން ހުރަސްތައް ކުރިމަތިކުރުވި ކަމުގައި ވީނަމަވެސް، އިމިގްރޭޝަން އޮފިސަރުންނާ މަތިކުރެވިފައިވާ ގާނޫނީ ވާޖިބު އަދާކުރުމަށް ފަސް ނުޖެހޭނޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ފުރަންގޮސް ހުރި ފަރާތެއް ފުރިޔަ ނުދީ ހުއްޓުވުމަށް، އިމިގްރޭޝަން އޮފިސަރަކު ބޯޑިންގ ގޭޓަށް ގޮސް މަސައްކަތްކުރި ކަމަށް ބުނެ، ބައެއް މީޑިއާތަކާއި މީސް މީޑިއާގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"އިމިގްރޭޝަން އޮފިސަރުންނަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް، ބައެއް މީޑިއާތަކާއި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށާއި، އަދި އެހެނިހެން ގޮތްގޮތުންވެސް އިމިގްރޭޝަން މުވައްޒަފުންނަށް ކިތަންމެ ބިރެއް ދެއްކިކަމުގައި ވީ ނަމަވެސް، އިމިގްރޭޝަންގެ މުވައްޒަފުންނަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ފަސްނުޖެހި ސާބިތުކަންމަތީ ދެމިތިބޭނޭ ވާހަކަ ދަންނަވަން،" އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.

ރާއްޖޭގެ ނޫސްވެރިއަކު ލަންކާއަށް ފުރަން ގޮސްހުއްޓައި އޭނާ ހުއްޓުވުމަށް، ފުލުހުން އެއާޕޯޓަށް ގޮސް އޭނާއާ ސުވާލުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުންނާއި މީސް މީޑިއާގައި ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ފުލުހުން ވެސް ވަނީ، އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫންކަމަށް ބުނެފައެވެ.

މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން، ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނީ ފްލައިޓަށް އަރަން ބޯޑިން ފާސް ކަނޑާފައި އޮއްވައި ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަންވަރު ސަންއަށް ވިދާޅުވީ، އެއްވެސް ފަރާތެއް ރާއްޖެއިން ބޭރަށް ފުރުން ހުއްޓުވަން ޖެހިއްޖެ ނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން ލިބިފައިވާ ބާރާއި އިޚްތިޔާރުގެ ތެރޭން އެކަން ކުރެވޭނޭ ކަމަށެވެ.

"އެއްވެސް ފަރާތެއް ރާއްޖެއިން ބޭރަށް ފުރުން ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި، އެފަދަ ފަރާތެއް ފްލައިޓަށް ބޯޑުކޮށްފައި ވީ ކަމުގައި ވީނަމަވެސް، އޮފްލޯޑްކޮށް، ރާއްޖެއިން ބޭރަށް ފުރުން ހުއްޓުވާނޭކަން އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އެ މުއައްސަސާގެ އަގުވައްޓާލުމަށް އެކި ވަސީލަތްތައް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ދޮގު ޚަބަރުތައް ފަތުރަމުންދާތީ އެކަމަށް ހިތާމަކުރާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ، އެ މުއައްސަސާއާ ގުޅޭ ވާހަކަތައް ފަތުރާއިރު، ތެދު މައުލޫމާތު ފެތުރުމަށް އެދޭކަމަށެވެ. އަދި އިމިގްރޭޝަންގެ ބަހެއް ހޯދުމަކާ ނުލައި، އެ މުއައްސަސާއާ ބޭހެގޮތުން ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކާމެދު، ފިޔަވަޅު އަޅާނޭ ކަމަށާއި، އެފަދަ ދޮގު ޚަބަރުތައް ފެތުރުމުގައި އާންމު ރައްޔިތުން ބައިވެރި ނުވުމަށްވެސް އިލްތިމާސް ކުރާ ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް