ހުޅުވާ މެޗާ ނުލައި މިފަހަރުގެ ފުޓްބޯޅަ ސީޒަން ކުރިއަށް ގެންދަން ނިންމައިފި

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން، އެފްއޭއެމުން ބާއްވާ ޗެރިޓީ ޝީލްޑް ފުޓްބޯޅަ މެޗުގައި، މިފަހަރު ނުބާއްވާގޮތަށް މިހާރު ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ އަހަރަކުވެސް ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ބާއްވާ، އެފްއޭ ޗެރިޓީ ޝީލްޑް މެޗު މިއަހަރު ނުބާއްވާގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމައިފިއެވެ.

މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާން ހަމަޖެހިފައި އޮތީ، މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗު ކުޅުމަށް ތާވަލްކޮށްފައި އޮތީ، މި މަހުގެ ހަވަނަ ދުވަހުއެވެ. އެހެން ނަމަވެސް، މިމަހުގެ އެއްވަނަ ދުވަހު ރާއްޖެއަށް އައި ސިޔާސީ ހަލަބޮލިކަމާއެކު މި މަހުގެ ފަސްވަނަ ދުވަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން އެފްއޭއެމުން ވަނީ، ޗެރިޓީ ޝީލްޑް މެޗު ފަސްކޮށްފައެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން މިއަދު ބުނީ، މައިލޯ ޗެރިޓީ ޝީލްޑް މެޗު މިފަހަރު ކުޅޭ ނަމަ، ފުޓްބޯޅަ ކަލަންޑަރަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

"އޭއެފްސީ ކަޕްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުން ކުޅެމުންދާ ދަނޑިވަޅެއްގައި އެ މުބާރާތަށް ތައްޔާރުވުމަށް ދެ ކްލަބަށް އިތުރު ތަކްލީފަކަށް ވެދާނޭކަމަށް ފެންނާތީއާއި 2018 ވަނަ އަހަރަކީ ގައުމީ ޓީމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަހަރެއްކަމުން، ކަލަންޑަރަށް ބަދަލެއް ގެނެވިއްޖެ ނަމަ ގައުމީ ޓީމުތަކަށާއި ކްލަބުތަކަށް ގެއްލުން ވެދާނެތީ، 2018 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗު ނުބޭއްވުމަށް މި އެސޯސިއޭޝަނުން ނިންމައިފިން،" އެފްއޭއެމުން ބުންޏެވެ.

މިއީ ޓީސީން ޗެރިޓީ ޝީލްޑް މެޗަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. ޓީސީއަށް ފުރުސަތު ލިބުނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕް އަދި ލީގު ޗެމްޕިއަންކަންވެސް ނިއުއިން ހޯދާފައިވުމުން، އެފްއޭ ކަޕްގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ.

އޭއެފްސީ ކަޕްގައި ވެސް މުޅިން އަލަށް ޓީސީން ވާދަކުރާއިރު، އެ ޓީމު ވަނީ ޕްރިލިމިނަރީ ބުރުގައި ކުޅުނު މެޗުތަކުން މޮޅުވެ، ޕްލޭއޮފް ޖާގަ ހޯދައިފައެވެ.

އޭއެފްސީ ކަޕް ކޮލިފިކޭޝަން ޕްލޭއޮފް މެޗަށް ޓީސީ މިރޭ ނުކުންނާނީ އިންޑިއާގެ ވަރުގަދަ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައެވެ.

comment ކޮމެންޓް