ކޮޕާ އިޓާލިއާގެ ސެމީ ފައިނަލުން އޭސީ މިލާން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން މިލާން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި އޭއެސް ރޯމާއާ ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކޮށްގެންނެވެ.
މެޗުގެ 16 ވަނަ މިނެޓުގައި މިލާނުންވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ރޯމާއިން ލޯން އެއްބަސްވުމެއްގެ ދަށުން މިލާނަށް ބަދަލުވި ޓެމީ އަބްރަހަމެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އަބްރަހަމްވަނީ މިލާންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި ރޯމާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާޓެމް ޑޮވްބީކެވެ. މިލާންގެ ފަހު ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދާދި ފަހުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީން ލޯން އެއްބަސްވުމެއްގެ ދަށުން މިލާނާ ގުޅިފައިވާ ޕޯޗުގަލްގެ ފޯވަޑް ޖާއޮ ފީލިކްސެވެ. މިއީ އޭނާ މިލާނާ ގުޅުނު ފަހުން ކުޅުނު ފުރަތަމަ މެޗެވެ.
ފީލިކްސްގެ އިތުރުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މިލާނާ މެންޗެސްޓާ ސިޓީން ގުޅުނު ކައިލް ވޯކާ ވެސް ވަނީ މެޗުގައި ކުޅެފައެވެ.
މި ކާމިޔާބީއާ އެކު މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް މިލާނުން ކަށަވަރުކޮށްފައިވާއިރު މުބާރާތުގެ ކުއާޓާ ފައިނަލްގައި އެޓަލާންޓާއާއި ބޮލޯނިއާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށް، ބޮލޯނިއާއިން ވެސް ވަނީ މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗުގައި ބޮލޯނިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ސަންޓިއާގޯ ކާސްޓްރޯއެވެ.