ޗެލްސީއިން ވެސްޓް ހޭމް ބަލިކޮށް ތާވަލްގެ ހަތަރުވަނައަށް ޖެހިލައިފި

ޗެލްސީއިން ވެސްޓް ހޭމް ބަލިކޮށް ތާވަލްގެ ހަތަރުވަނައަށް ޖެހިލައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބުކޮށް ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ޗެލްސީއިންނެވެ.

ނަމަވެސް މިމެޗު ވެގެންދިޔައީ ޗެލްސީއަށް އެހާ ފަސޭހަ މެޗަކަށް ނޫނެވެ. ހާއްސަކޮށް މިމެޗުގެ ފުރަތަމަ ހާފުގައި ވެސްޓް ހޭމްގެ ޑިފެންސް ފެނިގެންދިޔައީ ވަރުގަދަ ކޮށެވެ. އަދި ނަތީޖާ އަކަށްވީ ފުރަތަމަ ހާފު ނިމެން ތިންމިނެޓަށް ވެފައިވަނިކޮށް ޗެލްސީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ވެސްޓް ހޭމްއިން މެޗުގެ ލީޑު ނެގުމެވެ.

މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަނިޔާގައި ގިނަ ދުވަސް ތަކެއް ވަންދެން ހުރުމަށްފަހު އެނބުރި އައިސް ފުރަތަމަ މެޗު ކުޅެމުންދިޔަ ޖެރޯޑް ބޮވެންއެވެ. މެޗުގެ 64ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ޕެޑްރޯ ނޭޓޯވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި މިލަނޑު ކާމިޔާބު ކުރިތާ 10 މިނެޓް ފަހުން ޗެލްސީން ވަނީ މިމެޗުގެ ލީޑު ވެސް ނަގާފައެވެ. މިލަނޑަކީ ޗެލްސީގެ ކޯލް ޕާމާ ވެސްޓް ހޭމްގެ ގޯލް ކުރިމަށްޗަށް ނެގި ބޯޅައެއް އެޓީމުގެ ކީޕާ އަލްފަންސޯ އަރިއޯލާ ދިފާއު ކުރަން އުޅުމުގެ ތެރޭގައި އާރޮން ވެން ބިސާކާ ގައިގައި ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބިގެންދިޔައެވެ.

މިމެޗު ވެގެންދިޔައީ ޗެލްސީގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާ ވެސްޓް ހޭމްގެ ކޯޗު ކަމައި ހަވާލުވި ފަހުން ޗެލްސީގެ ދަނޑަށް ދިޔަ ފުރަތަމަ ފަހަރަށެވެ. ދާދި ފަހުން އޭނާ ވަނީ ޗެލްސީގެ ކޯޗުކަމުން ވަކިކުރުން އެއީ އޭނާއަށް މިހާތަނަށް އެންމެ ރަނގަޅަށް ވީ އެއްކަންތައްކަމުގައި ބުނެފައެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިހާރު މިވަނީ 24 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. މިފުރުސަތު ޗެލްސީއަށް ތަނަވަސް ވެގެންދިޔައީ ކުރިން ހަތަރު ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ނިއުކާސްލް ޔުނައިޓެޑް އެދެ ޓީމު މިހާފުގާއި ކުޅުނު މެޗުން ބަލިވުމުންނެވެ. އަދި ވެސްޓް ހޭމް މިމެޗުން ބަލިވުމުން އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ 15ވަނައިގައެވެ.

comment ކޮމެންޓް