އާސެނަލުން ސިޓީ ސައިޒުކޮށްލައިފި، އެކަމަކު ލިވަޕޫލާ ދެމެދު އަދިވެސް 6 ޕޮއިންޓު

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ސައިޒްކޮށްލައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ކުރިން ހީކުރި ވަރަށް ވުރެ ތަފާތު ބޮޑުކޮށް 5-1 އިންނެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު އާސެނަލުން ވަނީ މޮޅު ކުޅުމެއް ދައްކާ މެޗުގެ ލީޑު ވެސް ނަގާފައެވެ. ސިޓީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑެވެ. މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއްނުވެ، ކައި ހަވާޓްޒަށް އާސެނަލްގެ ލީޑު ފުޅާކޮށްދޭނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ.

ސިޓީން ވަނީ މެޗުގެ 55 ވަނަ މިނެޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑާ އެކު ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް، މި ލަނޑު ޖެހިތާ އެއް މިނެޓް ފަހުން ތޯމަސް ޕާޓޭވަނީ އާސެނަލަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. ސިޓީން ލަނޑެއް ޖެހޭތޯ ކުރިއަށް އަރައިގެން ކުޅުނުއިރު އާސެނަލުން ވަނީ ރަނގަޅަށް ޑިފެންޑްކޮށް ކައުންޓާ އެޓޭކްގައި ކުރިއަށް އަރާ ސިޓީގެ ކުޅުން މުޅިން ހަލާކުކޮށްލާފައެވެ.

މެޗުގެ 62 ވަނަ މިނެޓުގައި މައިލްސް ލުވިސް ސްކެލީ ކާމިޔާބުކޮށްދިން ލަނޑާ އެކު އާސެނަލްގެ ލީޑު ފުޅާކޮށްދިނެވެ. އާސެނަލްގެ ހަތަރުވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒެވެ. ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ އީތަން އެންވަނޭރީއެވެ.

މި ކާމިޔާބީއާ އެކު އާސެނަލުން ވަނީ އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު ހަ ޕޮއިންޓަށް ކުޑަކޮށްފައެވެ. އާސެނަލް މިހާރު އޮތީ 50 ޕޮއިންޓްގައެވެ. މެޗުން ބަލިވުމުން ސިޓީ އޮތީ 41 ޕޮއިންޓާ އެކު ހަތަރުވަނައިގައެވެ.

comment ކޮމެންޓް