ގައުމުގެ ކަރާމާތް ގެއްލުވާލާ ފަރާތްތަކަށް ބޮޑެތި އަދަބު ދޭން ޖެހޭ: ރީކޯ މޫސަ

"މަގެ ދީނާ މަގެ ގައުމާ!"ގެ ނަމުގައި ސަރުކާރު ހިންގާ ކޯލިޝަންއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް"މަގެ ދީނާ މަގެ ގައުމާ!"ގެ ނަމުގައި ސަރުކާރު ހިންގާ ކޯލިޝަންއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ގެއްލުވާލަން މަސައްކަތްކުރާ ފަރާތްތަކަށް ގާނޫނުގެ ތެރެއިން ބޮޑެތި އަދަބު ދޭން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ޖުޑީޝަރީގެ ތެރެއިން ރާއްޖޭގެ ވެރިކަން ބަދަލުކޮށްލުމަށް ބަޔަކު ކުރި މަސައްކަތްތަކެއް ނާކާމިޔާބްކޮށްލެވުނު ކަމަށް ބުނެ އެކަމުގެ ކާމިޔާބީ ފާހަގަކުރުމަށް ވެރިކަން ކުރާ ޕީޕީއެމުން ކާނިވާ ޝަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަޣާވާތަކުން ވެރިކަން ބަދަލުކުރަށް ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށް، ނާކާމިޔާބު ވެފައިވާ ކަމަށެވެ.

ބަޣާވާތެއްގެ ގޮތުގައި މޫސަ ފާހަގަކުރި ތިން ފަހަރަކީ އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މޭ މަހު މޭޑޭގެ ނަމުގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ވެރިކަން ބަދަލުކުރަން މަސައްކަތް ކުރުމާއި މިދިޔަ އަހަރު މަޖިލީހުގެ ތެރެއިން ވެރިކަން ބަދަލުކުރަން އުޅުމާއި ވޭތުވެދިޔަ ހަފްތާގައި ސުޕްރީމް ކޯޓު މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ.

މޫސަ ވިދާޅުވީ އެ ތިން ބަޣާވާތް ވެސް ފެއިލް ކޮށްލާފައިވަނީ މި ސަރުކާރާއި ރައީސް ޔާމީންގެ ހިކުމަތްތެރިކަމުންށެވެ. އަދި ސިފައިންނާއި ފުލުހުންގެ އެއްބާރުލުމަށް ކެނޑިނޭޅި ޝުކުރު އަދާކުރަން ޖެހޭކަން މޫސަ ފާހަގަކުރެއްވިއެވެ.

"ފަހުން މި ގާނޫނު އަސާސީ ގެނައި ފަހުން އަޅުގަނޑުމެނަށް ހީވެފައި މި އޮތީ ދެން މި ސަކަރާތްޖެހުން (ބަޣާވާތްކުރުން) މި ހުއްޓުނީ އޭ،" މޫސަ ވިދާޅުވިއެވެ.

މިފަހަރުގެ ބަޣާވާތް ނާކާމިޔާބު ކޮށްލުވުމާއި އެކު އިދިކޮޅު ފަރާތްތަކުން ދެން މަސައްކަތް ފެށީ ބޭރުގެ ހަތިޔާރު އެޅި ފަރާތްތައް މެދުވެރިކޮށް ވެރިކަން ވައްޓާލުމަށް ކަމަށް މޫސަ ވިދާޅުވިއެވެ. ނަމަވެސް އެކަމަށް މި ދިވެހި ފަސްގަނޑުން ކުޑަ ވެސް ޖާގައެއް ނުދޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން ނަގާލަން މަސައްކަތްކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭން ޖެހޭކަން ފާހަގަކޮށް މޫސަ ވިދާޅުވީ މަޖިލީހުގެ ތެރެއިން އެކަމަށް ބޭނުންވާ ގާނޫނުތައް އަވަހަށް ނިންމަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ އަންނަން އޮތް ޖީލުތަކުން ގާނޫނު ހަދަން ތިބި ފަރާތްތައް ކުށްވެރި ކުރާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"އެއްވެސް ވެރިއަކު ދެކެ ރުޅިއައިސްގެން ވެސް ޒަމާނެއްގެ ކޮޅުން ވެސް އަޅުގަނޑުމެންގެ ގައުމިއްޔަތާ އިސްލާމްދީނާ އަޅުގަނޑުމެންގެ މި މާތްވެގެންވާ މި ގައުމުގެ ކަރާމާތް ގެއްލުވާލާ ކޮންމެ ފަރާތަކާ ދޭތެރޭ ހަމަ ބޮޑެތި އަދަބު ދެވެން ޖެހޭނެ،" މޫސަ ވިދާޅުވިއެވެ.

ބަޣާވާތްކޮށް ގާނޫނުގެ ބޭރުން ވެރިކަން ބަދަލުކުރުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް މޫސަ ވިދާޅުވީ މި އަހަރަކީ ރިޔާސީ އިންތިހާބް އޮންނަ އަހަރު ކަމަށާއި އެހެން ކަމުން އިދިކޮޅު ފަރާތްތަކުން ވެސް ތައްޔާރުވާންވީ އެ އިންތިހާބަށް ކަމަށެވެ.

comment ކޮމެންޓް