ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން ފުޓްބޯޅަ ސީޒަން ފެށުން ފަސްކޮށްފި

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ނިއުއާއި ޓީސީ ބައްދަލުކުރި މެޗެއްގެ ތެރެއިން: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗު ވަނީ ފަސްކޮށްފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން ފުޓްބޯޅަ ސީޒަން ފެށުމަށްޓަކައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ޗެރިޓީ ޝީލްޑް މެޗު ފަސްކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ 9:00ގައި ކުޅުމަށް ހަމަޖެހިފައިވާ ޗެރިޓީ ޝީލްޑް މެޗު އެފްއޭއެމުން ފަސްކޮށްފައިވީ ނަމަވެސް، އެ މެޗު ދެން ތާވަލުކުރާނެ ދުވަހެއް އިއުލާންކޮށްފައެއް ނުވެއެވެ.

މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. ޓީސީއަށް ފުރުސަތު ލިބުނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕް އަދި ލީގު ޗެމްޕިއަންކަންވެސް ނިއުއިން ހޯދާފައިވުމުން، އެފްއޭ ކަޕްގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ. މިއީ ޓީސީން ޗެރިޓީ ޝީލްޑް މެޗަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ.

އެފްއޭއެމުން 2009 ވަނަ އަހަރުން ފެށިގެން ބާއްވާ ޗެރިޓީ ޝީލްޑް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ވީބީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. އެ ދެ ޓީމު ވަނީ ތިން ފަހަރަކު ޝީލްޑް ހޯދައިފައެވެ. ނިއުއިން ދެ ފަހަރަކު ޝީލްޑް ހޯދި އިރު، ވެލެންސިއާއިން އެއް ފަހަރު ޝީލްޑް ހޯދާފައިވެއެވެ. މިދިޔަ އަހަރު މާޒިޔާއިން ޝީލްޑް ހޯދީ ވެލެންސިއާ ބަލިކޮށްގެންނެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ 15 ދުވަހުގެ މުއްދަތަކަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ.

comment ކޮމެންޓް