ސަރުކާރުގައި ތަރުޖަމާނެއް ނެތި 3 މަސް ވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެ މަނިކުފާނުގެ ސަރުކާރުގައި ތަރުޖަމާނެއް ނެތި ތިން މަސް ވާން ކައިރިވެއްޖެ -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގައި ތަރުޖަމާނެއް ނެތި މިއަދަށް 84 ދުވަސް ފުރިއްޖެއެވެ.

ސަރުކާރުގައި ތަރުޖަމާނެއް ނެތިގެން ކަންބޮޑުވުން ބޮޑުވެފައި އޮއްވައި މިދިޔަ ޑިސެމްބަރު މަހު އެ މަގާމަށް އައްޔަންކުރި މުހައްމަދު ޝަހީބު ވެސް މި އަހަރުގެ ފުރަތަމަ ދުވަހު ވަނީ މަގާމުން ދުރުކޮށް، ޚާރިޖީ ވުޒާރާއަށް ބަދަލުކޮށްފައެވެ.

އޭގެ ފަހުން ސަރުކާރަށް އަދިވެސް ތަރުޖަމާނެއް އައްޔަންކޮށްފައެއް ނުވެއެވެ.

ތަރުޖަމާނަކު އައްޔަންނުކޮށް ގިނަ ދުވަސްވެފައިވާތީ ނޫސްވެރިންގެ ކަންބޮޑުވުން ބޮޑުވެފައިވާއިރު، މި ކަމާ ގުޅިގެން ސަރުކާރުގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މީގެ ކުރިން ސަރުކާރުން ވަނީ ތަރުޖަމާނެއް އައްޔަންކުރާނެ ކަމަށް ބުނެފައެވެ. އެކަމަކު، އޭރު ވެސް ތަރުޖަމާނެއް އައްޔަންކުރާނެ ސީދާ ތާރީޚެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މަގާމަށް އައްޔަންކުރިތާ 18 ދުވަސް ފަހުން ޝަހީބު ވަކިކުރި ސަބަބެއް ސަރުކާރުން ނުބުނެއެވެ.

https://sun.mv/186795

އެކަމަކު، ޝަހީބު މަގާމަށް އައްޔަންކުރުމާ އެކު ބައެއް ނޫސްވެރިންގެ ފަރާތުން ނުރުހުން އަމާޒުވިއެވެ. އަދި، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިންނަށް ދެއްވާ ޖަވާބުތަކުގެ ސަބަބުން ވެސް އޭނާއަށް ނުރުހުން އަމާޒުވިއެވެ.

ފުރަތަމަ ތަރުޖަމާނުގެ މަގާމަށް ޝަހީބު އައްޔަންކުރީ ވެސް ސަރުކާރަށް މަހެއްވާން ކައިރިވެފައި އޮއްވައި ޑިސެމްބަރު 13، 2023 ގައެވެ.

އޭގެ ފަހުން، މި އަހަރުގެ ފުރަތަމަ ދުވަހު އޭނާ ޚާރިޖީ ވުޒާރާއަށް ބަދަލުކުރި ފަހުން މިހާތަނަށް ސަރުކާރަށް ތަރުޖަމާނެއް އައްޔަންކޮށްފައެއް ނުވެއެވެ. އެކަމަކު، ސަރުކާރުން އިއުލާނުކުރަންޖެހޭ މުހިއްމު ކަންކަން އިއުލާނުކުރަން ރައީސް އޮފީހުގެ ބޭބޭފުޅުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވިއެވެ. އެ ބައްދަލުވުންތައް ނުބާއްވާތާ ވެސް މިހާރު ވަނީ މަހެއްހައި ދުވަސް ވެފައެވެ.

ރަސްމީ ހައިސިއްޔަތުން ތަރުޖަމާނެއް ނެތުމުގެ ސަބަބުން އެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިންކުރާ ގިނަ ސުވާލުތަކަށް އެ ބޭފުޅުން ޖަވާބެއް ނުދެއްވައެވެ.

ސަރުކާރުގެ ތަރުޖަމާނެއް ނެތް ނަމަވެސް ވަކިވަކި ވުޒާރާތަކުން ގެންދަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ.

comment ކޮމެންޓް