ދޮގު ޚަބަރު ފަތުރާތީ، ތިން ވެބްސައިޓަކަށް ފިޔަވަޅު އަޅަނީ

މީޑިއާ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މީޑިއާ ކައުންސިލް

ރަޖިސްޓްރީނުކޮށް ރާއްޖޭގައި ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވައިލަން، ކަމާ ގުޅޭ އުސޫލެއް ހަދައި، ދޮގު ޚަބަރު ފަތުރާ ވެބްސައިޓުތަކަށް ފިޔަވަޅު އަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން އިއްޔެ ނިންމައިފިއެވެ.

ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަ ބޮޑުވެ، މި ފަހުން ދެ ވެބްސައިޓެއް ބްލޮކް ވެސް ކުރިއެވެ. އެކަމަކު، އެ މައްސަލަ ބޮޑުވެފައި އޮއްވައި ފަހުން ވަނީ ވެބްސައިޓުތައް އަންބްލޮކް ކޮށްފައެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މީޑިއާ ކައުންސިލްގެ ގާނޫނު ބުނާ ގޮތުން ރަޖިސްޓްރީނުކޮށް ހިންގާ ވެބްސައިޓުތަކަކީ ވެސް މީޑިއާ ކަމަށެވެ. އެހެންވެ، އެ މީޑިއާތައް މޮނިޓާކޮށް ބެލެހެއްޓުމުގެ ޒިންމާ ވެސް އެ ކައުންސިލަށް ގާނޫނުން މަތިކޮށްފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްއެމްސީން ބުނީ ރަޖިސްޓްރީނުކޮށް ހިންގާ ތިން މީޑިއާއެއްގެ މައްސަލަ ބޮޑުވެ، ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

އެއީ:

  • ދިޔަވަރު.ކޮމް
  • ކުރުސީ.ކޮމް
  • ދޮންއަމާ.ކޮމް

އެ ތިން ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގި މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާތައް ލިބިފައިވާކަން ފާހަގަކޮށް، އެމްއެމްސީގެ ބަޔާނުގައި ބުނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު މައުލޫމާތު އެ ތިން ވެބްސައިޓުގައި ވެސް ޝާއިއުކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެމްއެމްސީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

އެ ކައުންސިލުން ބުނީ، ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުން އަންނައިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ އެ ކައުންސިލްގެ ގިނަ މެންބަރުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންވެ، ރަޖިސްޓްރީނުކުރާ މީޑިއާތަކުގެ މައްސަލަ ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ކަމާ ގުޅޭ އުސޫލެއް އެކުލަވައިލަން ވަނީ ނިންމައިފައެވެ.

"މީޑިއާތަކާއި ކަމާ ގުޅޭ ޖަމިއްޔާތަކާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތައް އަދި އާންމުންގެ ހިޔާލާއެކު އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ބަޔާނުގައި ވެއެވެ.

އެމްއެމްސީން ވަނީ ހިޔާލުފާޅުކުރުމުގެ ހައްގުގެ ބޭނުންހިފާއިރު، އެހެން ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ނުފަތުރާން އިލްތިމާސްކޮށްފައެވެ. އަދި، ތަކުރާރުކޮށް ހަގީގަތާ ހިލާފު ވާހަކަތައް ޝާއިއުކުރާ ނަމަ، ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ވެސް އެ ކައުންސިލުން ވަނީ ދީފައެވެ.

comment ކޮމެންޓް