ސަންގެ ސީއީއޯއަކަށް ޢާޞިފް

މުޙައްމަދު ޢާޞިފް (މޮންދު) --

ސަން ސިޔާމް މީޑިއާގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)އަކަށް، މުޙައްމަދު ޢާޞިފް (މޮންދު) މިއަދު އައްޔަން ކުރައްވައިފިއެވެ.

އެސްއެސް މީޑިއާގެ ސީއީއޯއަކަށް ކުރިން ހުންނެވީ މިހާރު ރައީސް އޮފީހުގެ ސްޓްރޭޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލެވެ. ޢާޞިފް ކުރިން ހުންނެވީ ޚަލީލާ އެކު އެސްއެސް މީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމުގައެވެ.

އެސްއެސް މީޑިއާގެ ގަވަނިން ބޯޑްގެ ޗެއާމަން ޑރ. އަޝްރަފް ޢަބްދުއްރަޙީމް މިއަދު ވިދާޅުވިގޮތުގައި ސީއީއޯއަކަށް ކުރިން ހުންނެވި ޚަލީލް ވަނީ މި މީޑީއާ ކުރިއެރުވުމަށްޓަކައި ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ޚަލީލްގެ އެ ހިދުމަތް ފާހަގަ ކުރައްވައި އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އެސްއެސް މީޑިއާގެ ސީއީއޯ މުޙައްމަދު ޢާޞިފާއި ސީސީއޯ މުޙައްމަދު ޒަހީން އަދި މި މީޑިއާގެ ގަވަނިން ބޯޑްގެ ޗެއާމަން ޑރ. އަޝްރަފް ޢަބްދުއްރަޙީމް-- ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އިސްމާއިލް މުނައްވަރު

ޢާޞިފް މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން ސަން މީޑިއާ ގްރޫޕްގެ މުވައްޒަފުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ޢާޞިފް ވަނީ ސަން މީޑިއާ ކުރިއަށް އޮތްތަނުގައި ހިންގަވާނެ ގޮތުގެ ކުރު ޚުލާސާއެއް މުވައްޒަފުންނާ ޙިއްސާކުރައްވާފައެވެ.

ޢާޞިފް 1991 ވަނަ އަހަރު ޕްރޮޑިއުސަރެއްގެ ގޮތުގައި ޓީވީއެމްއާ ގުޅުނުއިރު އެންމެ ފަހުން ދައުލަތުގެ މީޑިއާއިން ވަކިވީ އެ ތަނުގެ ސީއޯއޯގެ މަގާމު ފުރުއްވާފައެވެ. އޭގެ އިތުރުން ވީޓީވީގެ ސީއޯއޯގެ މަގާމު އަދާކުރެއްވިއެވެ. މީޑިއާ ކައުންސިލްގެ ރައީސްކަން ކުރެއްވުމުގެ އިތުރުން "މޮންދު ޕްރޮޑަކްޝަންސް"ގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަވައެވެ.

comment ކޮމެންޓް