ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމަށް މިދިޔަ މަހު 13 ގައި އައްޔަންކުރި މުހައްމަދު ޝަހީބު އެ މަގާމުން ދުރުކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ބަދަލުކޮށްފިއެވެ.
އިސް ތަރުޖަމާނަކަށް ޝަހީބު އައްޔަންކުރުމާ އެކު ނޫސްވެރިންގެ ފާޑުކިޔުން ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެގެން ދިޔައެވެ.
ތަރުޖަމާނުކަމުން ޝަހީބު ވަކިކުރިކަން ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނުވި ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި މިހާރު ފެންނަ ގޮތުން ޝަހީބަކީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށެވެ. އޭނާ ފުރަތަމަ އައްޔަންކުރީ ރައީސް އޮފީހަށް ސްޓޭޓު މިނިސްޓަރު ފެންވަރުގައި ތަރުޖަމާނެއްގެ ގޮތުގައެވެ.
އެކަމަކު، އޭނާ އެ މަގާމަށް އައްޔަންކުރުމާ އެކު ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އޭނާ ތަރުޖަމާނުކަމުން ދުރުކުރި ސީދާ ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ހަވީރު ނޫހުން ނޫސްވެރިކަމަށް ތަޢާރަފުވި ޝަހީބު ވަނީ ނޫސްވެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި، މީޑިއާ ސްޓޭޝަންތަކުގެ އިސް މަގާމުތައް ފުރުއްވައިފައެވެ. އޭގެ ތެރޭގައި ހަވީރު ނޫހުގައި އެކްޓިން އެޑިޓަރެއްގެ މަގާމާއި ފަހުން ސަން މީޑިއާގެ ސީއޯއޯގެ މަގާމު ވެސް ހިމެނެއެވެ.
ޝަހީބު ބްރޯޑްކޮމްއަށް އެންމެ ފުރަތަމަ އައްޔަން ކުރީ 2011 ވަނަ އަހަރެވެ. އޭނާގެ ވަނީ ކޮމިޝަންގެ ރައީސްކަމުގެ އިތުރުން ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ.
ޝަހީބު ބްރޯޑްކޮމްގައި ހުންނެވިއިރު ނިންމެވި ބައެއް ނިންމެވުންތަކާ ގުޅިގެން އޭނާއަށް ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން މީޑިއާތައް އެންމެ ބޮޑަށް ޖޫރިމަނާކޮށްފައިވަނީ އޭނާ ބްރޯޑްކޮމްގެ ރައީސްގެ މަގާމުގައި ހުންނަވައިގެންނެވެ. އެހެންވެ، ނޫސްވެރިންނާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި މަސައްކަތްކުރާ މީހުންގެ ނުރުހުން އޭނާއަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
އެ ޖޫރިމަނާތައް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފާސްކުރި އަބުރުގެ ގާނޫނުގެ ދަށުންނެވެ.
ޝަހީބު 2019ގައި ބްރޯޑްކޮމްއިން އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރި ފަހުންނެވެ. އެ ކޮމިޓީން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި ޝަހީބު ގާނޫނާ ހިލާފަށް މައްސަލަތައް ކޮމިޝަންގެ ބައްދަލުވުންތަކުގައި އެޖެންޑާކުރުމާއި ގާނޫނު އަސާސީއާއި ގާނޫނު ކަށަވަރުވެފައިވާ އަސާސީ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ކޮމިޝަންގެ ނިންމުންތައް ނިންމެވުމުގެ ފުރުސަތު ދެއްވުން ހިމެނެއެވެ.
ޝަހީބު، މި ސަރުކާރުގެ ތަރުޖަމާނަކަށް އައްޔަންކުރީ ވެސް ތަރުޖަމާނެއް ނެތުމުން ނޫސްވެރިންގެ ކަންބޮޑުވުން ބޮޑުވެފައި އޮއްވައެވެ.