ބަންޑުން ޖަހާލާފައިވާ އޮތް ލަންކާ މަސްބޯޓެއް ފެނިއްޖެ، މީހަކު ފެންނާކަށް ނެތް!

އަޑިއަށް ގޮަސްފައިވާ ލަންކާގެ މަސް ބޯޓު --- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ށ. އަތޮޅާ ދިމާލު 73 މޭލު ބޭރުން ބަންޑުން ޖަހާލާފައި އޮތް ސްރީ ލަންކާގެ މަސް ބޯޓެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މަސް ބޯޓު ފެނިފައި ވަނީ ރ. މަޑުއްވަރީ މަންފާ ދޯނި ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ކަމަށެވެ. ބޯޓުގައި އެއްވެސް މީހެއް ފެންނަން ނެތް ކަމަށް ވެސް ބުންޏެވެ.

މަންފާ ދޯނީގައި ހުރި މީހަކު 'ސަން' އަށް ބުނީ އެ ބޯޓަކީ ބަލާ ބެލުމަށް ވަރަށް ގިނަ ދުވަސް ވެފައިވާ ބޯޓެއް ކަމަށެވެ. ގިނަ ދުވަސް ވެފައިވާ ކަމަށް ބުލެވެނީ ބޯޓަކީ ފެހި ޖަހައި ގާހަކި ޖަހާފައި ހުރުމުން ކަމަށް އޭނާ ބުންޏެވެ.

"ގާތް ގަނޑަކަށް ހަ މަސް ވެފައިވާ ކަމަށް ބެލެވެނީ،" މަންފާ ދޯނީގައި ހުރި މީހާ ބުންޏެވެ.

ލަންކާގެ މަސްބޯޓު އަދި ވެސް އޮތީ ދެފެން ދޭތެރޭގަ އެވެ. މަންފާ ދޯނިން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި އެ "ދޯނި ކަފު ޖަހައިގެން ރ. މަޑުއްވަރިއަށް ގެންދަނީ އަޑީގައި ބާއްވައިގެން" ނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ބޯޓުގެ ކުރީ ކޮޅުގައި ހަން ޖަހާފައި (ރަތް ކުލައިގެ ފޮތިކޮޅެއް ދަނޑިއެއްގައި އައްސާފައި) ހުރި ކަމަށެވެ. ހަން ޖެހި ސަބަބެއް ކަމަށް ލަފާކޮށްލާފައި ވަނީ، އާޒިމް ވިދާޅުވި ގޮތުގައި، ބޯޓު ބަންޑުން ޖަހާލުމުން ސަލާމަތް ވުމަށް މީހުންނަށް އެންގުމުގެ ގޮތުންނެވެ.

އެއީ ލަންކާ މަސް ބޯޓެއްކަން އެނގެނީ ބޯޓުގެ ބޭރުގައި ލަންކާ މަސްބޯޓެއް ކަމަށް ލިޔެފައިވުމުން ކަމަށް އާޒިމް ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ރާއްޖެ ހިމެނޭ ސަރަހައްދަށް ކުރިމަތިވި ތޫފާން އޯޗީގައި އިންޑިއާ އަދި ލަންކާ އިން މަސްބޯޓުތަކެއް ގެއްލިފައި ވަތީ އެމްއެންޑީއެފުން ދަނީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާ އަދި ލަންކާ އިން 67 މަސްބޯޓު ގެއްލިގެން ރިޕޯޓުކޮށްފައިވާ އިރު އިންޑިއާ އިން ގެއްލުނު މަސްބޯޓުތައް ހޯދުމަށް އެގައުމުގެ މަސްވެރިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އިންޑިއާ އިން ގެއްލުނު މަސްބޯޓުތައް ހޯދުމަށް އިންޑިއާގެ ނޭވީ އިން ވެސް އަންނަނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް