މުސްލިމުންނަށް ފުރައްސާރަ ކުރާތީ މޯދީއާ ދެކޮޅަށް ކޮންގްރެސްއިން މައްސަލަ ހުށަހަޅައިފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ. ފޮޓޯ/ރޮއިޓާސް

ކެމްޕެއިން ތަގުރީރުތަކުގައި މުސްލިމުންނަށް ފުރައްސާރަކުރާތީ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ދެކޮޅަށް އިދިކޮޅު މައި ޕާޓީ، ކޮންގްރެސްއިން އިލެކްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފިއެވެ.

ވިދިވިދިގެން ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށް މަސައްކަތްކުރައްވާ މޯދީ ވަނީ އެންމެ ފަހުން އާދީއްތަ ދުވަހު ބޭއްވި ކެޕްމޭން ތަގުރީރެއްގައިވެސް މުސްލިމުންނަށް ފާޑުވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ވަނީ މޯދީއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

އެ ތަގުރީރުގައި މޯދީ ތުހުމަތު ކުރެއްވި ގޮތުގައި ކޮންގްރެސްއަށް ވެރިކަން ލިބިއްޖެނަމަ، މީހުންގެ މިލްކިއްޔާތު ދައުލަތަށް ނަގައި އެންމެ ގިނަ ދަރިންތިބި މީހުންގެ މެދުގައި ބަހައިލާނެއެވެ.

އަދި މުސްލިމުންނަކީ ގިނަ ދަރިން ހޯދާ ބައެއް ކަމަށާއި ހިންދޫ މެޖޯރިޓީ އޮންނަ އިންޑިއާގައި މުސްލިމުން ގިނަވެދާނެ ކަމުގެ ބިރު ހީވާކަމަށް ވެސް މޯދީ ވިދާޅުވެފައިވެއެވެ.

މުސްލިމުންނަކީ އެ ގައުމަށް ވަދެގަނެގެން އުޅޭ ބައެއް ކަމަށް ވެސް މޯދީ ވަނީ ސިފަކުރައްވައިފައިވައެވެ.

އިންޑިއާއަކީ ސެކިއުލާ ގައުމެއް ކަމަށް ގާނޫނު އަސާސީން ކަނޑައަޅައިފައި އޮންނައިރު، އިންތިހާބުތަކުގައި ވަކި ދީނަކަށް ނުވަތަ ނަސްލަކަށް ކުޑައިމީސްވާގޮތަށް ކެމްޕެއިން ކުރުމަކީ އިލެކްޝަންގެ ގާނޫނޫ ހިލާފުކަމެކެވެ.

ހިންދީންނަށް އިސްކަންދިނުމުގެ ސިޔާސަތެއް މޯދީ ގެންގުޅޭއިރު އެއީ އޭނާގެ ކެމްޕެއިންގެ މައިގަނޑު އަސާސް ކަމަށް ވަނީ ހަދައިފައެވެ. މޯދީއާ ދެކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އޭނާ މަސައްކަތްކުރައްވަނީ އިންޑިއާގެ މުސްލިމުން ބާކީކުރުމަށެވެ.

ކޮންގްރެސް އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ބައިބައިވުން އުފެދޭ ގޮތަށް ވަކި ދީނެއްގެ ބަޔަކަށް އަމާޒުކޮށް އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް މޯދީ ދައްކަވާފައިވާ ކަމަށެވެ. މިއީ އިންތިހާބާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ކޮންގްރެސްގެ ޝަކުވާގައިވެއެވެ.

އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ އިންތިޚާބުގެ ގާނޫނުތަކުގެ ދަށުން ޕާޓީއަކަށް ނުވަތަ ލީޑަރަކަށް ޝަކުވާއަކަށް ޖަވާބުދާރީވުމަށް އެދުމާއި، ނަސޭހަތްދިނުން ނުވަތަ ވަކި މުއްދަތަކަށް ކެމްޕޭންކުރުން މަނާކުރުމާއި، ތަކުރާރުކޮށް ކުށްކުރާ މީހުންނާ ދެކޮޅަށް ޖިނާއީ މައްސަލަ ހުށަހެޅޭނެއެވެ.

އިންޑިއާގެ އާންމު އިންތިޚާބު ފަށައިފައި ވަނީ މި މަހުގެ 19 ދުވަހުއެވެ.

comment ކޮމެންޓް