ދެހާސް ފަނަރަ ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އަންނަ އާ ގާނޫނުލް އުގޫބާތަށް އިސްލާހުތަކެއް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ދެ ބިލެއް މަޖިލިސް ހުޅުވުމާ އެކު ހުށަހަޅާނެ ކަމަށެވެ.
އަނިލް ވިދާޅުވި ގޮތުގައި ގާނޫނުލް އުގޫބާތަށް ހުށަހަޅާ އެއް އިސްލާހަކީ ދައުލަތަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ޗެޕްޓަރެކެވެ. އެ ޗެޕްޓާގައި ދައުލަތަށް ޚިޔާނާތްތެރިވުމާއި ބަޣާވާތްކުރުމުގެ ކުށް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތުގައި މިހާރު ނެތް ބައެއްކަންކަން އިސްލާހުތަކުގައި ހިމަނާނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ. އެގޮތުން ކޮރަޕްޝަނާ ބެހޭ ވަރަށް ބޮޑު ބައެއް އެ ގާނޫނުގައި ހިމެނުމަށް އިސްލާހު ހުށަހަޅަން ތައްޔާރުކޮށްފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަޅުގަނޑުމެންނަށް ހިއްސާކޮށްފައި ހުރި ބައެއް ބަދަލުތައް ވެސް ހިމެނޭ. އެ ބަދަލުތަކަކީ ކޮރަޕްޝަން ނައްތާލުމާ ބެހޭ މުއާހަދާގައި ހިމެނޭ ކުށްތައް ހިމެނޭގޮތަށް އެކަންކަން ކުށްވެރިކޮށްފައި އަޅުގަނޑުމެން އެކުލަވާލާފައި ހުރި ބައިތަކެއް،" އަނިލް ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލް ވިދާޅުވީ ކޮރަޕްޝަނާ ގުޅޭގޮތުން އެ ގާނޫނަށް އިތުރުކުރަން ހުށަހަޅާ އިސްލާހުގައި ކޮރަޕްޝަނާއި ޚިޔާނާތްތެރިވުމާއި ރިޝްވަތު ދިނުމުގެ މައްސަލައަށް ޚާއްސަ އިސްކަމެއްދީފައިވާނެ ކަމަށެވެ.
"ޚާއްސަކޮށް ފާހަގަކޮށްލަން ބޭނުން ރިޝްވަތު ދިނުމުގެ ކަންކަން، ރިޝްވަތު ދީގެން ހިންގާ އެކިއެކި އަމަލުތަކަށް، ދައުލަތުގެ އިސް މަގާމްތަކުގައި ތިބޭ މީހުން ރިޝްވަތު ހިފައި ރިޝްވަތުދޭ ކަމަށް ވަންޏާ އެމީހުންނަށް އަދަބު ބޮޑުވާނެ ގޮތަކަށް އަޅުގަނޑުމެން މި ބިލްގައި ކަނޑައަޅާފައި އޮންނާނެ،" އަނިލް ވިދާޅުވި އެވެ.
އާ ގާނޫނުލް އުގޫބާތުގައި މިހާރު ވެސް ޚިޔާނާތާއި ރިޝްވަތުގެ ކުށް ވަނީ ބަޔާންކޮށްފަ އެވެ. ނަމަވެސް އެފަދަ ކުށްތައް ކުރާ ގޮތާއި ޒާތަށް ބެލުމަށް ފަހު އަދަބު ތަފާތުވާނެ އަދި ބޮޑުވާނެ ގޮތެއް ނެތެވެ.
ރަޔަޓްކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމުގެ ކުށާއި ބަޣާވާތުގައި ބައިވެރިވުމުގެ ކުށް މިހާރު ވެސް ގާނޫނުލް އުގޫބާތުގައި ވަނީ ހިމަނައިފަ އެވެ.
އާ ގާނޫނުލް އުގޫބާތުގައި "ކޮރަޕްޝަން" މި ލަފްޒު ވެސް ހިމެނިފައެއް ނުވެ އެވެ. ނަމަވެސް ކޮރަޕްޝަންގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ޚިޔާނާތާއި ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށް އެ ގާނޫނުގައި ހިމަނާފައިވެ އެވެ. ނަމަވެސް ކޮރަޕްޝަންގެ ކުށްތަކުގެ ގޮތުގައި އެ ނޫން ވެސް ގިނަ އަދަދެއްގެ ކުށްތައް ހިމެނެ އެވެ.
ކޮރަޕްޝަންގެ މައްސަލަތަކުގައި މިހާރު ވެސް ރާއްޖޭގައި ދައުވާކުރަމުން ދަނީ 2000 ވަނަ އަހަރު އަމަލުކުރަން ފެށި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.
އެ ގާނޫނަކީ މިޒާމާނަށް ފެތޭ ގާނޫނެއް ނޫން ކަމަށް ގާނޫނީ ވަކީލުން ވެސް އަންނަނީ ވިދާޅުވަމުންނެވެ. އަދި މިހާރު ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ގޮތަށް ބަލާ އިރު، ކޮރަޕްޝަނާ ގުޅޭ ތަފާތު އެކި ވައްތަރުގެ ކުށްތައް ހިމެނޭ ގާނޫނެއް ރާއްޖެއަށް މުހިންމު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.
މީގެކުރިން ސުޕްރީމް ކޯޓުން ވެސް ވަނީ ގާނޫނުލް އުގޫބާތަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ބިލެއް ޑްރާފްޓްކޮށްފަ އެވެ. ނަމަވެސް އެ ބިލް މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި އަމަލުކުރަމުން އައީ 1966 ވަނަ އަހަރު ފާސްކުރި ގާނޫނުލް އުގޫބަތަކަށެވެ.