އެއް ކެންޑިޑޭޓް ނެރުމުގެ މަޝްވަރާތައް ފަށައިފި

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ މަޝްވަރާ ކޮމެޓީގެ ޗެއާމަން އިބޫ އާއި ވައިސް ޗެއާ ރިޔާޒު --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ މަޝްވަރާތައް މިއަދު ފަށައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި އިދަރާ، މާފަންނު ކުނޫޒުގައި އެ މަޝްވަރާތައް ފެށީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އެ ބައްދަލުވުމަށްފަހު ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި އެއް ކެންޑިޑޭޓު ނެރުމާ ގުޅޭ މަޝްވަރާ ކޮމެޓީގެ ވައިސް ޗެއާ، އަބްދުﷲ ރިޔާޒު ވިދާޅުވީ މިއަދު ކުރިއަށްދިޔައީ ހުރިހާ ޕާޓީތަކުން އެޖެންޑާއަށް ހުށަހަޅަން ހުރި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ.

ރިޔާޒު ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ސަރުކާރެއް ގާއިމް ކުރުމަށާއި އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި އިދިކޮޅު ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.

މާދަމާ ވެސް އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އެ ކޮމެޓީގެ ޗެއާމަން އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މައިގަނޑު އަމާޒަކީ ވަކި ބޭފުޅަކު ވެރިކަމަށް ގެނައުމަށް މަޝްވަރާކުރުން ނޫން ކަމަށާއި މަޝްވަރާ ކުރަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ބަދަލުކުރުމަށް ކުރެވެން ހުރި ކަންތައްތައް ކުރުމާ ގުޅޭގޮތުން ކަމަށެވެ.

އެ މަޝްވަރާތަކަށް އިބޫގެ އިތުރުން އެމްޑީޕީން ހަމަޖައްސާފައި ވަނީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ.

ޖުމުހޫރީ ޕާޓީގެ ފަރާތުން އެ މަޝްވަރާތަކުގައި ރިޔާޒުގެ އިތުރުން ބައިވެރިވެވަޑައިގަންނަވަނީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

އަދާލަތު ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އަދި ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތަމްސީލުކުރައްވާ ދެ މަންދޫބުންނަކީ ޔުމްނާ މައުމޫނާއި އައިމިނަތު ނާދިރާއެވެ.

comment ކޮމެންޓް