މާލޭ ސިޓީ ކައުންސިލްގައި ތިއްބެވި، ދި ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ކައުންސިލަރުން އެނބުރި އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާއި، ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރްޔަމް ނާޒިމާ މުހައްމަދު ފާއިޒް ވެސް ކައުންސިލަށް އިންތިޚާބުވީ އެމްޑީޕީގެ ޓިކެޓުގައެވެ. ދެ ބޭފުޅުން ވެސް މިހާރު ވަނީ އެނބުރި އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.
މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެ ޕާޓީ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދުނެވެ.
އެ އަރައިރުން ބޮޑުވެ، 2023 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ވަނީ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. ސައިފާއި ނާޒިމާ ވެސް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އެ ޕާޓީން އެ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރިއެވެ.
އެކަމަކު، ދެވަނަ ބުރަކަށް ނުގޮސް ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ނާކާމިޔާބުވުމުން، އެ ޕާޓީން ނިންމީ ދެވަނަ ބުރުގައި ވަކި ޕާޓީއަކަށް ތާއީދުނުކުރާށެވެ.
އެއަށް ފަހު، މި ސަރުކާރުގެ ކުރީކޮޅު ނަޝީދު ވަނީ މިއީ އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ސަރުކާރެއް ކަމަށް ވެސް ވިދާޅުވެފައެވެ. ފަހުން އެކަމަކު އެ ޕާޓީން ވަނީ އެމްޑީޕީއާ ގުޅުން ރަނގަޅުކުރަން މަސައްކަތްކޮށްފައެވެ.
އެ ޕާޓީ ދޫކޮށްލެއްވުމަށް ފަހު، ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވި އެންމެން އެމްޑީޕީއަށް ބަދަލުވާން ނިންމީ ޖޫން 17 ގައެވެ. ޑިމޮކްރެޓްސްގެ އެއްވެސް ހަރަކާތެއް މިހާރު ނުހިނގައެވެ. މިހާރު ޑިމޮކްރެޓްސްގެ ބޭފުޅުން އަނެއްކާ ވެސް އަންނަނީ އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރަމުންނެވެ. އެކަމަކު، އަދިވެސް އެ ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުން ބޮޑެވެ.
އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިޚާބަށް ވެސް އަލީ އާޒިމާއި މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ވާދަވެރިކަން ޕާޓީގެ ތެރޭގައި ބޮޑެވެ.