އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ގާތްގާތުގައި ކުޅެން ޖެހުމުން ކުޅުންތެރިންގެ "ދުވަސް ގޮސްދާނެ" ކަމަށް ބުނެ، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް އިނގިރޭސި އެފްއޭއަށް ފާޑުކިޔައިފި އެވެ.
ވެޓްފޯޑްއާ ދެކޮޅަށް ރޭ ކުޅުނު ލީގު މެޗުން 3-1 ގެ ނަތީޖާއަކުން ސިޓީ މޮޅުވި ނަމަވެސް، އެ ޓީމުގެ މުހިންމު ކުޅުންތެރިޔަކަށް ވަނީ އަނިޔާވެފަ އެވެ. ރޭގެ މެޗުގެ ކުރިން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު ލީގު މެޗުގައި ސިޓީގެ ފޯވަޑް ގެބްރިއަލް ޖީސަސްއަށް އަނިޔާވި އިރު، ރޭގެ މެޗުގައި ޑިފެންޑަރު ކައިލް ވޯކާއަށް ވަނީ އަނިޔާވެފަ އެވެ.
ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ސިޓީ އެވެ. މިވަގުތު ސިޓީއާއި ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު 15 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ނަމަވެސް މިރޭ އާސެނަލް އަތުން ޗެލްސީ މޮޅުވެއްޖެ ނަމަ، އެ ޓީމު ދެވަނަ މަގާމަށް ޖެހިލައި ސިޓީއާ ދެމެދު އޮތް ފަރަގު 14 ޕޮއިންޓަށް ކުޑަވެގެންދާނެ އެވެ.
ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ، ވޯކާގެ އަނިޔާގެ ތަފްސީލު އެނގިގެންދާނީ ޓެސްޓުތަކަށް ފަހު ކަމަށެވެ. ރޭގެ މެޗުގައި ވޯކާގެ ފަޔަށް އަނިޔާވެފައި ވަނީ މެޗު ނިމެން ދަނިކޮށެވެ.
"އެންމެންނަށް ވެސް ފެންނާނެ ފާއިތުވެދިޔަ ހަފްތާއެއް ތެރޭގައި ލިބެމުންދިޔަ އަނިޔާތައް. އަހަރެމެން މިއުޅެނީ ކުޅުންތެރިން ހަލާކުކުރަން. ފެޑެރޭޝަންގެ ވެރިން މިކަންކަން ބަލަން ޖެހޭނެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު މެޗެއް ކުޅެފައި ދެ ދުވަސް ފަހުން އަނެއްކާ މެޗެއް ކުޅުމަކީ އާދައިގެ ކަމެއް ނޫން،" ސިޓީގެ ކޯޗު ބުންޏެވެ.
ގާޑިއޯލާ ބުނީ، ލީގު ކުރިއަށްގެންދަން ޖެހޭނެ ކަމަށާއި އެކަމަކު ކުޅުންތެރިން ވެސް ހިމާޔަތްކޮށްދޭން ޖެހޭ ކަމަށެވެ. އަދި އިނގިރޭސިވިލާތުގައި ފެންނަމުންދަނީ ކުޅުންތެރިން ހިމާޔަތްކުރަން އުޅުމާއި ފެންވަރަށް ބެލުމަށްވުރެ މެޗުތައް އިތުރުކުރުމުގެ އުސޫލު ކަމަށެވެ.