ފާއިތުވި 40 އަކަށް އަހަރު މެންޗެސްޓާ ޔުނައިޓެޑުން ނެރެފައިވާ އެންމެ ދަށް ނަތީޖާތަކާއެކު، އެޓީމުގެ ކޯޗު އަދި ލެޖެންޑު، މައިކަލް ކެރިކް މަޤާމުން ވަކިކުރުމަށްފަހު ޕޮޗެޓީނޯ އާއެކު ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ލިވަޕޫލް އަތުން ލަދުވެތި ގޮތަކަށް ބަލިވެއްޖެއެވެ.
ލިވަޕޫލްގެ އެންފީލްޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވެފައިވަނީ 0-4 ގެ ނަތީޖާއިންނެވެ.
ޔުނައިޓެޑުން މުޅި މެޗު ކަހަލަ ގޮތަކަށް ކުޅެން ޖެހިފައިވަނީ 10 ކުޅުންތެރިންނާއެކުއެވެ. މެޗުގެ އަށްވަނަ މިނެޓުގައި ރޮނަލްޑް އަރައުހޯގެ ޕާހާއެކު އެލެކްޒެންޑާ އިސަކް ދެމިގަތުމާއެކު ޕެނަލްޓީ އޭރިއާގެ ކުޑަ ތަންކޮޅެއް ބޭރުން ޔުނައިޓެޑްގެ ލެނީ ޔޯރޯ ކުރި ފައުލާއެކު ރެފްރީވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ.
ލިވަޕޫލުން މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ މި ފައުލާއެކު ލިބުނު ހިލޭ ޖެހުމުން، ޑޮމިނިކް ސޮބޮޓްޒްލައީއެވެ. އޭގެ ތިން މިނެޓު ފަހުން ފްލޯރިއަން ވާޓްޒް ކާމިޔާބުކޮށްދިން ލަނޑާއެކު ލިވަޕޫލްއިން ވަނީ ލީޑު ފުޅާކޮށްފައެވެ.
ފުރަތަމަ ހާފުގެ ބާކީބައިގައިވެސް ލިވަޕޫލުން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވީ ނަމަވެސް، އެޓީމުގެ ފަހު ދެ ގޯލު ކާމިޔާބުކުރެވިފައިވަނީ ދެވަނަ ހާފުގެ ފަހުކޮޅެވެ. އެގޮތުން އެޓީމުގެ ތިންވަނަ ލަނޑު، 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ރިއޯ އުނގުމުހާއެވެ. އަދި އެޓީމުގެ ފަހު ލަނޑު، 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވިކްޓާ މުނޯޒްއެވެ.
މި ނަތީޖާއާއެކު ސުވާލެއް އުފެދެއެވެ. ހަގީގަތުގައިވެސް މައްސަލައަކީ ޔުނައިޓެޑަށް ގެންނަ މެނޭޖަރުން ހެއްޔެވެ؟
ޕޮޗެޓީނޯއަކީ މީގެ ކުރިން ޕްރެމިއާ ލީގުގައިވެސް ޓްރޮފީއެއް ކާމިޔާބުކުރެވިފައި ނެތް ނަމަވެސް އުނދަގޫ ހާލުގައި އޮތް ޓީމުތަކެއް މެނޭޖުކޮށް، ހާލަތު ރަނގަޅުކޮށްދީފައިވާ މެނޭޖަރެކެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ދެއްކެނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުރިން އޭރު ޔުނައިޓެޑަށް ކުޅެމުންދިޔަ ކްރިސްޓިއާނޯ ރޮނާލްޑޯ، ޕިއާސް މޯގަންއަށް ދިން އިންޓަވިއުގެ ވާހަކައެވެ. އޭރު އޭނާ ފާހަގަކުރި ކަންކަމަކީ ޓީމުގެ ތެރޭގައި ހަގީގަތުގައިވެސް ހުރި މައްސަލަތަކެއްގެ ވާހަކަ ކަމެވެ.
އެހެން ނަމަވެސް އެކަން ގަބޫލުކޮށް، މައްސަލަތައް ހައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި ރޮނާލްޑޯ، ކުލަބުން ބޭރުކޮށްލީއެވެ.
މެޗަށް ފަހު "ސްކައި ސްޕޯޓްސް"ގައި ވާހަކަދައްކަމުން ކުޅުންތެރިއެއްގެ ހައިސިއްޔަތުން ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިނގިރޭސި ޑިފެންޑަރު، ގޭރީ ނެވިލް ވަނީ މިހާރު މިއޮތް ޓީމަކީ ޔުނައިޓެޑްގެ ތާރީޚުގައިވެސް އެންމެ ދޯދިޔާ ޓީމުގެ ގޮތުގައި ސިފަކޮށްފައެވެ.
އެހެންކަމަށް ވާނަމަ، ކޮންމެ މެނޭޖަރެއް ޓީމާ ހަވާލުވީނަމަވެސް އޭނާގެ ގޭމްޕްލޭނާ އެއްގޮތަށް ކުޅެންތިބި ކުޅުންތެރިންގެ ފެންވަރެއް ނެތިއްޔާ ނަތީޖާއެއް ނުނިކުންނާނެއެވެ. އެގޮތުން، ޑިފެންޑަރުންގެ ތެރެއިން ވަކީން ޚާއްސަކޮށް ލޫކް ޝޯ އާއި ޑިއޯގޯ ޑަލޮޓް، ޓީމުން ބޭރުކުރުމަށް ސަޕޯޓަރުން އަންނަނީ މެދުނުކެނޑި މެނޭޖްމަންޓަށް ގޮވާލަމުންނެވެ.