އަންނަ މާޗު މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން އޭނާއަށް މަޖުބޫރުކުރީ ނިމިދިޔަ ވޯލްޑް ކަޕުގައި އެމެރިކާގެ ފްލޯރިއަން ބަލޯގަންއަށް ދެއްކި ރަތްކާޑަށްފަހު ކަން ހިނގައިދިޔަ ގޮތްކަމަށް އެ އިންތިޚާބުގައި ވާދަކުރައްވާ ޖަޕާނުގެ ކޯޒޯ ތާޝިމާ ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ވޯލްޑް ކަޕުގެ 32 ޓީމުގެ ބުރުގައި ބޮސްނިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ތާރިކް މުހަރެމޮވިޗަށް ކުރި ފައުލާ ގުޅިގެން ބަލޯގަންއަށް ސީދާ ރަތްކާޑެއް ދެއްކުމުގެ ސަބަބުން އޭނާ ވަނީ އެއް މެޗަށް ސަސްޕެންޑުކޮށްފައެވެ.
ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސީދާ އެދުމުގެ މަތީން އެ ސަސްޕެންޝަން އުވާލައި، ބަލޯގަންއަށް ގަދަ 16 ގެ ބުރުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު އޭނާއަށް ދީފައިވެއެވެ.
މި ނިންމުން ވެގެންދިޔައީ ވަރަށް ގިނަ ޤައުމުތަކެއް އިންފަންޓީނޯއާ ދެކޮޅަށް ތެދުވަން މެދުވެރިވި ސަބަބަކަށެވެ. އެކަން އިތުރަށް ގޯސްވީ، ވޯލްޑް ކަޕުގެ ހިއްސާތަކެއް އިންވެސްޓަރުންނަށް ވިއްކާލުމުގެ މަސައްކަތް ފެށުމާގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން ތާޝިމާ ބުނެފައިވަނީ އޭނާ ބޭނުންވަނީ ފީފާއަށް ގެއްލިފައިވާ އިތުބާރު އަނބުރައި ހޯދައިދިނުމަށް ކަމަށެވެ. ނަމަވެސް ފާހަގަކުރެވޭ ގޮތުގައި މީގެ ދިހަ އަހަރު ކުރިން އިންފަންޓީނޯވެސް މަގާމާ ހަވާލުވެފައިވަނީ ހަމަ މިފަދަ ވައުދުތަކަކާއެކުއެވެ.
މީގެ އިތުރުން، ބަލޯގަންގެ ރަތްކާޑާ ގުޅޭގޮތުން ތާޝިމާ ބުނެފައިވަނީ ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ހައިސިއްޔަތުންވެސް ފުޓުބޯޅައިގައި މަސައްކަތްކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން އެއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ބަލޯގަންގެ ރަތްކާޑާ ގުޅޭގޮތުން މިއަދާ ހަމައަށްވެސް ފީފާއިން ގަބޫލުކުރެވޭ ވަރުގެ ހުއްޖަތެއް ދައްކާފައެއް ނުވެއެވެ. މިކަމާ ގުޅިގެން ފީފާއިން ރަސްމީކޮށް ބުނެފައިވާ ހަމައެކަނި ވާހަކައަކީ، އެ ނިންމުން ނިންމާފައިވަނީ އެ އިދާރާއަށް ލިބިފައިވާ ބާރުގެ ތެރެއިން ކަމަށެވެ.