އިނގިރޭސި ޕްރިމިއާ ލީގުގައި ވެޓްފޯޑް ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނާގައި އަނެއްކާވެސް 15 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ވެޓްފޯޑްގެ މައްޗަށް ސިޓީން ކުރި ހޯދާފައި ވަނީ 3-1ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ލީގު ތާވަލުގެ އެއްވަނާގައި އޮތް ސިޓީއަށް 22 މެޗުން 62 ޕޮއިންްޓް ލިބިފައިވާ އިރު، ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 22 މެޗުން ލިބިފައި ވަނީ 47 ޕޮއިންޓެވެ.
ރޭ ކުޅުނު މެޗު ފެށިތާ މިނެޓެއްތެރޭ ސިޓީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. ލެރޯއީ ސާނޭ ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންއެވެ.
މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ސިޓީގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 13 ވަނަ މިނެޓުގަ އެވެ. އެ ލަނޑަކީ ވެޓްފޯޑްގެ ޑިފެންޑަރު ކްރިސްޓިއަން ކަބަސެލޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސިޓީގެ މޮޅު ކުޅުމާ އެކު ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ 2-0ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.
މެޗުގައި ސިޓީން ތިން ލަނޑުގެ ލީޑެއް ހޯދީ 63 ވަނަ މިނެޓުގަ އެވެ. ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީން ނެގި ހުރަހެއް ވެޓްފޯޑްގެ ކީޕަރު ގޮމޭސްއަށް ރަނގަޅަށް ދިފާއު ނުކުރެވުމާ އެކު ލިބުނު ބޯޅައަކުންނެވެ.
އެ މެޗުގައި ވެޓްފޯޑުން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. އަންދްރޭ ކަރީލޯ ނަގައިދިން ރީތި ހުރަހަކުން ވެޓްފޯޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް އަންދްރޭ ގްރޭއެވެ.
ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ ވަނީ ރަށުން ބޭރުގައި 2-0ގެ ނަތީޖާއަކުން ސްވަންސީ ސިޓީ ބަލިކޮށްފަ އެވެ. އެ މެޗުގައި ޓޮޓެންހަމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފެނާންޑޯ ލޮރެންޓޭއާއި ޑެލޭ އަލީ އެވެ.