އާ އަހަރުގެ ޝޯގައި ނިވާކަންކުޑަ ހެދުން ބޭނުންކޮށްފައިވާތީ އެމްއައިޓީޑީސީން މައާފަށް އެދިއްޖެ

އާ އަހަރު ފާހަގަކުރުމަށް ސަރުކާރުން ބޭއްވި ޝޯގައި ނިވާކަންކުޑަ ހެދުން ބޭނުންކޮށްފައިވާތީ އެ ޝޯ އިންތިޒާމްކުރި މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މައާފަށް އެދިއްޖެއެވެ.

އެމްއައިޓީޑީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ބޭއްވި ޝޯގައި ފަންނާނުން ބޭނުންކުރި ހެދުމަކީ، އެފަދަ ހަރަކާތެއްގައި ބޭނުންކުރަން އެންމެ އެކަށީގެންނުވާ ހެދުމެއްކަމަށް އެ ކުންފުނިންވެސް ގަބޫލުކުރާ ކަމަށެވެ.

އެގޮތަށް އެކަން ހިނގައިދިޔަ ކަމަށްޓަކައި، އެ ކުންފުނިން މައާފަށް އެދޭވާހަކަ ދަންނަވާ ކަމަށް އެމްއައިޓީޑީސީގެ ބަޔާނުގައިވެއެވެ.

މުސްތަގުބަލުގައި އެކުންފުނިން ހިންގާ ހަރަކާތްތަކުގައި، ރާއްޖޭގެ ސަގާފަތާއި ރިވެތި އުސޫލުތަކާއި އާންމު އިޖްތިމާއީ މިންގަނޑުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް އިތުރަށް ސަމާލުވެ، އެފަދަ ކަމެއް ތަކުރާރު ނުވާނެކަމުގައި ދަންނަވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެ ޝޯގައި ނިވާކަންކުޑަ ހެދުން ބޭނުންކޮށްފައިވާތީ ޖަމްއިއްޔަތުލް ސަލަފުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެ ޖަމްއިއްޔާގެ ނައިބު ރައީސް ޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވީ، ޣައިރު މީހުން ފާހަގަކުރާ ދުވަސްތައް މުސްލިމުން ފާހަގަކުރުމަކީ އިސްލާމީ ވަންތަކަން ގެއްލުމުގެ ބިރު އޮތް ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޝޯގައި ނިވާކަންކުޑަ ހެދުން ބޭނުންކޮށްފައިވާ މައްސަލަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށެވެ.

އެމަންޒަރުތައް ދައުލަތުގެ ޓީވީ ޗެނަލް، ޓީވީއެމް އިން ލައިވްކޮށްފައިވާތީ އެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވެސް ޝައިޚް ފިކުރީ ވިދާޅުވިއެވެ.

comment ކޮމެންޓް