އދ.ގައި ރާއްޖެއިން ދެއްކި ވާހަކައަށް ގާސިމް ތާއިދުކޮށް، ވީޓޯ ބާރު އުވާލަން ގޮވާލައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޖޭޕީގެ ލީޑަރު ގާސިމް: އދ.ގައި ރާއްޖޭގެ ހައުސިން މިނިސްޓަރު ދެއްކެވި ވާހަކައަށް ތާއިދުކުރައްވައި، ގާސިމް ވަނީ މަރުހަބާ ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު އަޅައި، އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު އުވާލުމަށް ރާއްޖެއިން ގޮވާލި ގޮވާލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަަދު ތާއިދުކުރައްވައިފިއެވެ.

މިދިޔަ ބުދަ ދުވަހު އދ.ގެ އާންމު މަޖިލީހުގެ 78ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވެވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙުމަދެވެ.

ހައިދަރަށް މަރުހަބާ ވިދާޅުވެ ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އދ.ގެ ސަލާމަތީ މަޖިލީހުގައި އެންމެ ގައުމެއްގެ ވީޓޯ ވޯޓުގެ ސަބަބުން ފަލަސްތީނުގެ ގަތުލްއާންމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެ މަޖިލީހަށް ނުކުޅެދިފައިވާ މައްސަލައަށް، މިނިސްޓަރުގެ ބަޔާނުން ސަމާލުކަން ގެނެސްދީފައިވާ ކަމަށެވެ.

ގާސިމް ވިދާޅުވީ ވީޓޯ ބާރު ލިބިގެންވާ ފަސް ގައުމުން މުޅި ދުނިޔޭގެ ހެވަށް ވުރެ، އަމިއްލަ މަސްލަހަތު އިސްކުރާކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ. ވަކިން ޚާއްސަކޮށް، ފަލަސްތީނުގައި އިސްރާއީލުން ޖަރީމާތައް ހިންގާއިރު އިސްރާއީލް ހިމާޔަތް ކުރަން ވީޓޯގެ ބާރު ބޭނުންކުރުމުން އެކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ބާރު ލިބިގެންވާ ފަސް ގައުމަކީ އެމެރިކާ، އިނގިރޭސިވިލާތް، ރަޝިއާ، ފްރާންސް އަދި ޗައިނާއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތަކުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށާއި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އެ މަޖިލީހަށް ހުށަހެޅި ގަރާރުތަކެއް އެމެރިކާއިން ވީޓޯކޮށްފައިވެއެވެ.

"އިންސާފާއި ހަމަހަމަކަމާއި އެއްބައިވަންތަކަމާއި ސުލްހައަށް ޓަކައި، ރާއްޖެއިން ހުށަހެޅި ގޮތަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރު އުވާލަން އަޅުގަނޑު ތާއިދުކުރަން," ގާސިމް ވިދާޅުވިއެވެ.

ވީޓޯކުރުމުގެ ބާރު އެއްކޮށް އުވާލުމަށް ގޮވާލައްވައި އދ.ގެ އާންމު މަޖިލީހުގައި މިނިސްޓަރު ބަޔާން އިއްވެވުން: ޖޭޕީގެ ލީޑަރު ގާސިމް ވަނީ ރާއްޖޭގެ ގޮވާލުމަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ މޯލްޑިވްސް މިޝަން ނިއުޔޯކް

އޭނާ ވިދާޅުވީ ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުން ވީޓޯ ބާރު ބޭނުންކުރާ ގޮތުން އެކަށީގެންވާ ފިޔަވަޅު އެޅުމަށް އދ.އަށް ހުރަސް އެޅޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ، އދ.ގެ މަސައްކަތްތައް މިހާރަށް ވުރެ ކާމިޔާބުކަމާއެކު ކުރުމަށްޓަކައި ސަލާމަތީ މަޖިލީހުން ވީޓޯ ބާރު އުވާލުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން އދ.ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ ވަގުތާއި ހާލަތާ ގުޅޭ ގޮތަށް، ވަރަށް ފުރިހަމަކޮށް ކަމަށް ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މުޅި ސަރުކާރަށް ގާސިމް މަރުހަބާ ވިދާޅުވިއެވެ.

ހައިދަރު ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރު ގައުމަކަށް ނުވެވުމާއި، އެ ގައުމުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އިއްވަމުންދާ އަޑު، އެންމެ ވޯޓެއްގެ ސަބަބުން ކެނޑުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

https://sun.mv/191497

އޭނާ ވިދާޅުވީ ފަލަސްތީނުގެ ހާލަތު ނޭނގޭ ކަމަށް ހަދައިގެން ސަލާމަތީ މަޖިލީހަށް ތިބެވެން ނެތް ކަމަށެވެ. އަދި އިސްރާއިލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކަށް ހިތްވަރުދިނުމަށް ވީޓޯކުރުމުގެ ބާރު ބޭނުން ކުރަމުންދާ ކަމަށާއި އެހެން ކަމުން މިއީ ވީޓޯކުުރުމުގެ ބާރު އެއްކޮށް އުވާލަންޖެހޭ ވަގުތު ކަމަށް ހައިދަރު ވިދާޅުވެފައިވެއެވެ.

ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތައިލަން ކަމަށް ބުނެ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 34،600އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެއެވެ.

comment ކޮމެންޓް