މި ރެސްޓޯރެންޓުގައި ވަޒީފާ އަދާކުރަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން

މިރްޗީ އެންޑް މައިމް ރެސްޓޯރެންޓުގެ މުވައްޒަފުންތަކެއް---

އިންޑިއާގެ މުމްބާއީގައި ހުންނަ "މިރްޗީ އެންޑް މައިމް" ރެސްޓޯރެންޓަކީ ވަރަށް ޚާއްސަ ރެސްޓޯރެންޓެކެވެ. އެތަނުގެ މުވައްޒަފުންނަކީ އަޑުނީވޭ ވާހަކަ ނުދެއްކޭ މީހުންނެވެ. އެމީހުންނަށް ވަޒީފާ އަދާކުރަން ފަސޭހަވާނެހެން ތަނުގެ ހުރިހާކަމެއް ވަނީ ބައްޓަން ކޮށްފަ އެވެ.

މިއީ އިންޑިއާގައި މިފަދަ ގޮތަކަށް އިޖްތިމާއީ ހިދުމަތެއްގެ ގޮތުގައި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ވަޒީފާ ދޭންފެށި ފުރަތަމަ ތަނެވެ. އެ ރެސްޓޯރެންޓުގެ މެނޫގައި އިޝާރާތު ބަހުން ކޮންމެ ކާއެއްޗެއްގެ ނަން ބުނާނެގޮތް ދައްކާފައި ހުރެ އެވެ. އެތަނުގައި މިހާރު ވާހަކަ ނުދެއްކޭ އަދި އަޑު ނީވޭ 50 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

މިރްޗީ އެންޑް މައިމް ރެސްޓޯރެންޓުގެ މެނޫ---

ރެސްޓޯރެންޓުގެ ކެޕްޓަން އަދި ސައިން ލޭންގުއޭޖް ޓްރެއިނާ ސްޕެޝަލިސްޓު ރަންޖަން ބުނީ ތަން ހިންގުން ހަރުދަނާކޮށް މުވައްޒަފުންނަށް އެއްވެސް ދައްޗެއް އޮތްތޯ ބެލުމަށް ކޮންމެ ދުވަހަކު ވެސް ރެސްޓޯރެންޓު ހުޅުވުމުގެ ކުރިންނާއި މެންދުރު އަދި ރޭގަނޑު ބްރީފިންއެއް ބާއްވާ ކަމަށެވެ.

މިރްޗީ އެންޑް މައިމް ރެސްޓޯރެންޓުގެ އެތެރެ---

އެ ރެސްޓޯރެންޓު ހުޅުވީ ކެނެޑާގައި ހުންނަ އެފަދަ ރެސްޓޯރެންޓަކުން އިންސްޕަޔާވެގެން ކަމަށް ރެސްޓޯރެންޓުގެ ވެރިޔާ ޕްރަޝާންތު ބުނެފައިވެ އެވެ.

އެތަނުގެ މުވައްޒަފުންނަކީ އެކި އެންޖީއޯތަކާއި ކޮލެޖްތައް މެދުވެރިކޮށް ލިބުނު ކުދިންް ކަމަށް ވެސް އޭނާ ބުންޏެވެ. އެ ރެސްޓޯރެންޓު ހުޅުވުމަށްޓަކައި ޕްރަޝާންތު ވެސް ވަނީ ސައިން ލޭންގުއޭޖް ދަސްކޮށްފަ އެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި މިރްޗީ އެންޑް މައިމްގެ ބްރާންޗްތައް ހުޅުވައި ވާހަކަ ނުދެއްކޭ އަދި އަޑުނީވޭ މީހުންނަށް އެތަންތަނުން ވަޒީފާ ދިނުމަށް ޕްރަޝާންތު އާއި އޭނާގެ ޕާޓްނަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް