ސައްޓު ޓީސީއަށް ސޮއިކޮށްފި

ސައްޓު(ކ-2) ޓީސީގެ ބައެއް އިސްވެރިންނާއެކު: އަންނަ ސީޒަނުގައި ސައްޓު ފެނިގެންދާނީ ޓީސީގެ ޖާޒީގައި ---

މިސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދުއާއެކު ތަފާތު ދެއްކި ބ. އޭދަފުއްޓަށް އުފަން ފޯވަޑް އިޝާން އިބްރާހިމް (ސައްޓު) ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.

އަންނަ ސީޒަނަށް ޓީސީ ވަރުގަދަކުރުމަށް ސައްޓުގެ ސޮއި އެ ކްލަބުން ހޯދި އިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވެސް އޭނާ ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ.

ޓީސީއަށް ސޮއިކުރުމަށްފަހު ސަން ސްޕޯޓްސްއަށް މައުލޫމާތުދެމުން ސައްޓު ބުނީ، އެ ކްލަބަށް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް އުންމީދުކުރާ ކަމަށާއި ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ކުޅެން ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ.

"ނިޒާމްބެއަކީ ތަފާތު ދައްކާފައިވާ ކޯޗެއް. ޓީސީން ފުރުސަތު ލިބުމުން ވަރަށް އުފާކުރަން. އަޅުގަނޑުގެ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް މަސައްކަތްކުރާނަން. ޓީސީއާއެކު ރަނގަޅުވާނެ ކަމަށް ގަބޫލުކުރަނީ،" އޭނާ ބުންޏެވެ.

މިސީޒަނުގައި މިލަންދުއަށް ކުޅުމުގެ ކުރިން ސައްޓު ފެނިގެންދިޔައީ މިނިވަން ޗެމްޕިއަންޝިޕްގައި ބ. އޭދަފުށީ ޓީމުންނެވެ. އެގޮތުން ސައްޓު ވަނީ އޭދަފުށި ޓީމާއެކު 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އުފުލާލައިފައެވެ. އެ މުބާރާތުގައި ވެސް އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

ޓީސީން ދަނީ ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގައި ވާދަކުރުމަށާއި ކުރިއަށްއޮތް ސީޒަނަށް ޓީމު އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި އެ ކްލަބަށް ނަތީޖާ ނެރުމަށް އެހީތެރިކަން ފޯރުކޮށްދިން ބައެއް މުހިންމު ކުޅުންތެރިންގެ ކޮންޓްރެކްޓް މިހާރު ވަނީ އާކޮށްފައެވެ. ކޮންޓްރެކްޓް އާކުރި ކުޅުންތެރިންގެ ތެރޭގައި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)އާއި، މުހައްމަދު އައްޒާމާއި، އިބްރާހިމް ވަހީދު (އިއްބެ) އަދި ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް