ބުރު ބަލިކޮށް ޓީސީން ސެމީގެ އުންމީދު އާކޮށްފި

ޓީސީއާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ޕްރެޒިޑެންޓްސް ކަޕް

ޕްރެޒިޑެންޓްސް ކަޕިުގައި އަލަށް ފުރުތަމަ ޑިވިޝަނަށް ކޮލިފައިވި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން އެ މުބާރާތުގެ ސެމީ ފައިނަލުގެ އުންމީދު އާކޮށްފިއެވެ.

ރޭ ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު ޓީސީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ނުވަވަނަ މިނެޓުގައި ޓީސީއަށް ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. ޓީސީގެ އަބްދުލް ވާހިދު އިބްރާހިމް ނެގި ހުރަހުގެ ބޭނުން ހިފައިގެން އެ ޓީމުގެ މުހައްމަދު މުސްލިހު ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައި ނުވީ ނަމަވެސް ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ޓީސީން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ބުރުގެ އޭރިއާތެރެއިން ޒުވާން ފޯވާޑު އައިހަމް ހަމްދޫނަށް ލިބުނު ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ޓީސީއާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ޕްރެޒިޑެންޓްސް ކަޕް

އެ ގޯލުން ޓީސީން މެޗު ކާމިޔާބުކޮށް ވަނީ ގްރޫޕް ދޭއްގެ ދެވަނަ މަގާމަށް ޖެހިލައިފައެވެ. އެ ޓީމު ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އެހެންކަމުން ތިން ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ތިން ޕޮއިންޓު ހޯދައި ފައިދާ އެއް ގޯލާ އެކުއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ޕްރެޒިޑެންޓްސް ކަޕު ކުރިއަށްދާއިރު، ގްރޫޕް އެކެއްގައި ހިމެނެނީ ޗެމްޕިއަން ކުލަބް ވެލެންސިއާ އާއި، ކުލަބް އީގަލްސްގެ އިތުރުން ސަސްއެވެ.

ގްރޫޕް ދޭއްގައި ހިމެނޭ ޓީމުތަކަކީ، މާޒިޔާއާއި، ޓީސީ ސްޕޯޓްސް ކުލަބްގެ އިތުރުން ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި ބުރު ސްޕޯޓްސް ކުލަބެވެ.

comment ކޮމެންޓް