ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ކްލަބު ވެލެންސިއާ ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން ފެށުން ރަނގަޅުކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާގެ މައްޗަށް ޓީސީން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. ޕްރެޒިޑެންޓްސް ކަޕްގައި ފެނުނު ވެލެންސިއާގެ އުމުރުން 14 އަހަރުގެ ހުނަރުވެރި ދެ ކުޅުންތެރިން ކަމަށްވާ އީތަން އިބްރާހިމް ޒަކީ އާއި މުހައްމަދު އިލާން އިމްރާން، މިއަދު ކުޅުނު ލީގު މެޗުގެ ފުރަތަމަ 11 އިން ވެސް ފެނިގެންދިޔައެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް
މިއަދު ހަވީރު ކުޅުނު މެޗުގައި ރަނގަޅު ކުޅުމަކާއެކު ޓީސީން ލީޑު ހޯދީ 16 ވަނަ މިނެޓުގައެވެ. އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ނަގައިދިން ހުރަހަކުން ޓީސީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު މުސްލިހުއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ޓީސީން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޓީސީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު މާއިޝް ރަޝީދެވެ. އޭނާ އެ ގޯލު ޖެހީ އަހުމަދު އީރާސް ފޮނުވާލި ބޯޅަ ގޯލު ހުރަސްކޮށް ބޭރުވާން ދަނިކޮށް، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް
މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާ އިން ކުޅުން ރަނގަޅުކޮށް، ޓީސީގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްތަކެއް ކުރަމުންދިޔައެވެ. އެގޮތުން ވެލެންސިއާގެ ޒުވާން ކުޅުންތެރިޔާ އީތަން ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޓީސީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު އީތަން ފޮނުވާލި އެ ހަމަލާ، ޓީސީގެ މާއިޝްގެ ފައިގައި ޖެހި ވަނީ ބްލޮކްވެފައެވެ.
ލީގުގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސް އާއި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކްލަބެވެ.