ބާސާ ''ހާރުވަން'' ރޮނާލްޑޯ ދެއްކި ވާހަކައަށް ވަލްވާޑޭ ރައްދުދީފި

ރޮނާލްޑޯއަށް ރައްދުދީ، ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ، ރެއާލްގެ ކުޅުންތެރީންނަށް ޝަރަފްގެ ކުރުނީސްކުރަން ބާސާގެ ކުޅުންތެރީން ސަފު ހަދާފައި ނުތިބޭނޭ ކަމަށް -- ފޮޓޯ: 9ސްޕޯޓް

ކުރިއަށް އޮތް "އެލް ކްލެސިކޯ" މެޗުގެ ކުރީން ބާސެލޯނާގެ ފަރާތުން ރެއާލް މެޑްރިޑަށް "ގާޑް އޮފް އޮނަރ" (ޝަރަފުގެ ކުރުނީސް) އެއް ދޭން ޖެހޭކަމަށް ބުނެ، ބާސާ "ހާރުވާން" ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި ވާހަކައަށް ބާސާގެ ކޯޗު ރައްދު ދީފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ޔޫއޭއީގެ އަބޫ ދާބީގައި ކުޅުނު ފީފާ ކްލަބް ވޯލްޑް ކަޕް 2017 ރެއާލުން ކާމިޔާބުކުރީ، ފައިނަލް މެޗުގެ ފަހު ހާފުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން، ބްރެޒިލްގެ ގްރެމިއޯ ކޮޅަށް ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު 1-0ގެ ނަތީޖާއަކުންނެވެ.

ބްރެޒިލްގެ ގްރެމިއޯ ކޮޅަށް ހިލޭ ޖެހުމަކުން ރޮނާޑޯ ކާމިޔާބުކުރި ލަނޑާއެކު 1-0 މޮޅުވެ ރެއާލުން ވަނީ، ފީފާ ކްލަބު ވޯލްޑް ކަޕް ދިފާއުކޮށްފައި -- ޓުވިޓަރ ފޮޓޯ: ރޮނާލްޑޯ

އެ މެޗަށްފަހު ނޫސްވެރީންނާ ވާހަކަދައްކަމުން، ރެއާލާ ވާދަވެރި ބާސެލޯނާއަށް، މަލާމާތުގެ ރާގުގައި ރޮނާލްޑޯ ބުނީ، "ބާސެލޯނާއިން އަހަރެމެންނަށް ޝަރަފުގެ ކުރުނީސްއެއް ދޭންވެސް ރަނގަޅު،" ކަމަށެވެ.

ރޮނާލްޑޯގެ ވާހަކައަށް ރައްދުދީ ބާސާގެ ކޯޗު އާނެސްޓޭ ވަލްވާޑޭ ބުނީ، ރެއާލުން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރިއޭ ކިޔާފައި އޭނާގެ ކުޅުންތެރީން، ރެއާލްގެ ކުޅުންތެރީންނަށް މަރުހަބާ ކިޔުމަށް ސަފުހަދާފައި އަތްޖަހަން ނުތިބޭނޭ ކަމަށެވެ.

"އެފަދަ ކަމަކާ އަހަރެން ހަމަ އެއްގޮތަކަށް ވެސް ނުވިސްނަން،" ހޮނިހިރު ދުވަހު ރެއާލްގެ ދަނޑުގައި އެޓީމަށް ބާސާ ކުޅުންތެރީން ޝަރަފުގެ ކުރުނީސް ނުކުރާނެކަން ފާހަގަކުރަމުން ބާސާގެ ކޯޗު ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހު ރެއާލްގެ ސަންތިއާގޯ ބެރްނަބެއުގައި ކުޅޭ އެލް ކްލެސިކޯ މެޗަށް ނުކުންނައިރު، ރެއާލަށް ވުރެ 11 ޕޮއިންޓު އިތުރަށް ހޯދައިގެން ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ބާސާއެވެ.

ރެއާލް އޮތީ ބާސާއަށް ވުރެ އެއް މެޗު މަދުން ކުޅެ، 31 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ.

comment ކޮމެންޓް