ރޮނާލްޑޯގެ މަލާމާތުގެ ބަސްތަކެއް ބާސާއަށް!

ބްރެޒިލްގެ ގްރެމިއޯ ކޮޅަށް ހިލޭ ޖެހުމަކުން ރޮނާޑޯ ކާމިޔާބުކުރި ލަނޑާއެކު 1-0 މޮޅުވެ ރެއާލުން ވަނީ، ފީފާ ކްލަބު ވޯލްޑް ކަޕް ދިފާއުކޮށްފައި -- ޓުވިޓަރ ފޮޓޯ: ރޮނާލްޑޯ

މި އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގެ ކާމިޔާބީއަށް ފަހު، ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މަލާމާތުގެ ބަސްތަކެއް، ވާދަވެރި ބާސެލޯނާއަށް އަމާޒުކޮށްފިއެވެ.

ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗަށްފަހު ރިޕޯޓަރުންނާ ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، ކެޓަލޯނިއާގެ ކްލަބުން މިހާރު ރެއާލަށް "ގާޑް އޮފް އޮނަރ" އެއް ދޭން ޖެހޭ ކަމަށެވެ. މިއީ މި އަހަރު ތެރޭގައި ރެއާލުން ކާމިޔާކުރި ފަސްވަނަ ޓްރޮފީއެވެ.

ލަނޑު ޖެހުމަަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ޔޫއޭއީގެ އަބޫ ދާބީގައި ކުޅުނު މިފަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ރެއާލުން ކާމިޔާބުކުރީ، ފައިނަލް މެޗުގެ ފަހު ހާފުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ބްރެޒިލްގެ ގްރެމިއޯ ކޮޅަށް ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު 1-0ގެ ނަތީޖާއަކުންނެވެ.

"ބާސެލޯނާއިން އަހަރެމެންނަށް ގާޑް އޮފް އޮނަރ އެއް ދޭންވެސް ރަނގަޅު،" މެޗަށް ފަހު މިކްސްޑް ޒޯންތެރޭން ނޫސްވެރިންނާ ވާހަކަ ދައްކަމުން ރެއާލްގެ ޕޯޗްގީޒް ތަރި ބުންޏެވެ.

ޖެހިޖެހިގެން ދެވަނަ ފަހަރަށް އަދި ޖުމުލަ ތިން ފަހަރަށް ރެއާލުން ފީފާ ކްލަބު ވޯލްޑް ކަޕް ކާމިޔާބުކޮށް، މި މުބާރާތުގައި ބާސާގެ ރެކޯޑާ އަރައި ހަމަކޮށްފައި ވާއިރު، މި އަހަރު ތެރޭގައި އެ ކްލަބުން ވަނީ، ލާ ލީގާ، ޗެމްޕިއަންސް ލީގު، ޔޫއެފާ ސުޕަރކަޕް، ސުޕަރކޮޕާ ޓްރޮފީވެސް އުފުލައިލައިފައެވެ.

ބްރެޒިލްގެ ގްރެމިއޯ އަތުން 1-0 ލަނޑުން މޮޅުވެ ރެއާލުން ވަނީ، ފީފާ ކްލަބު ވޯލްޑް ކަޕް ދިފާއުކޮށްފައި -- ޓުވިޓަރ ފޮޓޯ: ރޮނާލްޑޯ

އަންނަ ހޮނިހިރު ދުވަހަކީ، ލަ ލީގާގެ އެންމެ ފޯރިގަދަ އެއް މެޗު ކަމަށްވާ، "އެލް ކްލެސިކޯ"ގެ ކުރިމަތިލުން ފެނިގެންދާނޭ ދުވަހެކެވެ.

ކުރިއަށް އޮތް އެލް ކްލެސިކޯ މެޗަށް ނުކުންނައިރު، ރެއާލަށް ވުރެ 11 ޕޮއިންޓު އިތުރަށް ހޯދައިގެން ސްޕެނިޝް ލީގުގައި ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ބާސާއެވެ.

"އަހަރެންގެ އުންމީދަކީ އެ މެޗުންވެސް ރެއާލް މޮޅުވުން، އޭރުން ލީގުގައި ރެއާލަށް އެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނީ،" ރެއާލްގެ ދަނޑުގައި ހޮނިހިރު ދުވަހު ބާސާއާ ދެކޮޅަށް ކުޅޭ މެޗަށް އިޝާރާތްކޮށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އޭނާއަށް ލަނޑު ޖެހޭތީ އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށާއި އަދި، ހަޔާތުގެ ކޮންމެ ވަގުތުކޮޅެއް ވެސް ހޭދަކުރާން ޖެހޭނީ އުފާވެރިކަން މަތީގައި ކަމަށެވެ.

"ހުރިހާ ވަގުތެއްގައި ވެސް އަހަރެމެން އުފާކުރަން ވާނެ، ސަބަބަކީ ކުރިއަށް ވާނޭގޮތް އަހަރެމެންނަށް ނޭނގޭތީ،" ރެއާލްގެ ސުޕަރސްޓާ ބުންޏެވެ.

ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސާ މިވަގުތު އޮތީ 16 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. 36 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް ދެވަނައިގައި އޮތް އިރު، 34 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ ވެލެންސިއާއެވެ. ރެއާލް އޮތީ އެއް މެޗު މަދުން ކުޅެ، 31 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.

comment ކޮމެންޓް