ރޮނާލްޑޯ އަދި ބޭލްގެ ލަނޑާއެކު ރެއާލް ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް

ފީފާ ކްލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑް އާއި ކްލަބް ޖަޒީރާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ގެރެތް ބޭލްގެ ލަނޑާއެކު ޔޫއޭއީގެ އަލްޖަޒީރާ ކްލަބުގެ މައްޗަށް ކުރި ހޯދައި ފީފާ ކްލަބު ވޯލްޑް ކަޕްގެ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.

ޔޫއޭއީގައި މިހާރު ކުރިއަށް ދާ ކްލަބް ވޯލްޑް ކަޕުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އިން ޖާގަ ހޯދީ ސެމީ ފައިނަލުގައި ފަހަތުން އަރައި 1-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ރެއާލް އިން އަލްޖަޒީރާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ އަލްޖަޒީރާ އިންނެވެ. އެ ލަނޑު މެޗުގެ 41 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮމާރިނޯއެވެ. ފުރަތަމަ ހާފު ނިމުނީ އެ ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ރޮނާލްޑޯ ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ ރޮނާލްޑޯ ކްލަބުގެ ވޯލްޑް ކަޕުގައި ކާމިޔާބުކުރި ހަވަނަ ވަނަ ލަނޑެވެ. އޭނާ އަކީ އެ މުބާރާތުގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާއެވެ.

ރޮނާލްޑޯގެ އެ ލަނޑަށް ފަހު ލީޑުނަގަން ކާރީމް ބެންޒެމާ އަށް ރަނގަޅު ދެ ފުރުސަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި ދެ ހަމަލާ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ނަމަވެސް ބެންޒެމާގެ ބަދަލުގައި ކުޅެން އެރި ބޭލް ވަނީ މެޗުގެ 81 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ އެޓީމު އެ މެޗުން މޮޅުކޮށްދީފައެވެ.

އެ މުބާރާތުގެ ފައިނަލްގައި ހޮނިހިރު ދުވަހު ރެއާލް ބައްދަލުކުރާނީ ބްރެޒިލްގެ ގްރެމިއޯއާއެވެ. އެޓީމު ފައިނަލަށް ދަތުރުކުރީ ސެމީގައި މެކްސިކޯގެ ޕަޗުއާ އާއި ބައްދަލުކުރި މެޗު 0-1 އިން ކާމިޔާބުކޮށްގެންނެވެ.

comment ކޮމެންޓް