ވެލިދޫގެ މައްޗަށް ކުރި ހޯދައި ލަންދޫ ފައިނަލަށް

ސިޔާމް މައުރޫފް ސޮކަ ކަޕްގެ ސެމީ ފައިނަލުގައި ލަންދޫ އާއި ވެލިދޫ ބައްދަލުކުރި މެޗުގެ ތެރެއިން--

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި ވެލިދޫ ބަލިކޮށް ލަންދޫ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވެލިދޫގެ މައްޗަށް ލަންދޫ ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ސިޔާމް މައުރޫފް ސޮކަ ކަޕްގެ ސެމީ ފައިނަލުގައި ލަންދޫ އާއި ވެލިދޫ ބައްދަލުކުރި މެޗުގެ ތެރެއިން--

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ލަންދޫ ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އެ ލަނޑު ލަންދުއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝާފިއު އެވެ.

އަންނަ އާދީއްތަ ދުވަހުގެ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ލަންދޫ ދެކޮޅަށް ނިކުންނާނީ މިލަދޫ އެވެ. މިލަދޫ ވަނީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫ 0-1 އިން ބަލިކޮށްފައެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

ސިޔާމް މައުރޫފް ސޮކަ ކަޕްގެ ސެމީ ފައިނަލުގައި ލަންދޫ އާއި ވެލިދޫ ބައްދަލުކުރި މެޗުގެ ތެރެއިން--

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް މުބާރާތް ނިމިގެންދާނީ ފުޓްބޯޅަ ލެޖެންޑަކާއެކުއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ގެނެސްފައިވަނީ ބާސެލޯނާގެ ލެޖެންޑް ކާލްސް ޕުޔޯލްއެވެ. އަދި މިއަހަރުގެ މުބާރާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ގެނައުމަށް ނިންމާފައިވަނީ ޗެލްސީގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާއެވެ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެއެވެ.

comment ކޮމެންޓް