އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަންގައި ލީގަށް ވާދަކުރަމުން އަންނަ ލިވަޕޫލް ވާދަވެރި އެވަޓަން އަތުން ބަލިވެ، ލީގަށް ކުރަމުންދާ ވާދައިގައި އިތުރު ހުރަހެއް ކުރިމަތިވެއްޖެއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލް ބަލިވެފައިވަނީ 2-0 އިންނެވެ.
މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ, ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. ނަމަވެސް އެވަޓަންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ހިތްވަރު ގަދަ ފާހަގަކޮށްލެވޭ ކުޅުމެކެވެ.
ފުރަތަމަ ލަނޑު ޖަހާ އެވަޓަންއިން ލީޑު ނަގާފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައި ޖެރާޑް ބްރަންތުވެރިޓު ޖަހައިދިން ލަނޑުންނެވެ. މި ލަނޑު އެވަޓަންއަށް ކާމިޔާބުވެފައިވަނީ ގިނައިރުތަކެއް ވަންދެން ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރޭގައި ބޯޅަ އެނބުރުނު ފަހުންނެވެ. ލަނޑާ އެކު އެވަޓަންއިން ހަމަޖެހިލިތަން ފެނިގެންދިޔައިރު ލިވަޕޫލުން ދިޔައީ ފުލުފުލުގައި އެވަޓަންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
ނަމަވެސް އެވަޓަންގެ ޑިފެންސް ވަރުގަދަވެފައި އެ ޓީމުގެ ކީޕަރު ޖޯޑަން ޕިކްފަޑްގެ މޮޅު ކުޅުމާ އެކު މިއިން އެއްވެސް ހަމަލާއެއް ލިވަޕޫލަށް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.
އެވަޓަންގެ ދެވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާ ލިވަޕޫލުގެ ޑިފެންސަށް ބާރު ބޮޑުކުރި ފޯވަޑް ޑޮމިނިކް ކެލްވާޓް ލުވިންއެވެ.
އެއް ސިޓީއަކަށް ނިސްބަތްވުމުގެ ސަބަބުން ދެ ޓީމުގެ ދެމެދުގައި އޮންނަ ވާދަވެރިކަން އަބަދު ވެސް ވަރަށް ބޮދެވެ. މާސީސައިޑް ޑާބީގެ ނަމުން މަޝްހޫރުވެފައިވާ މި ކުރިމަތިލުމަކީ ކޮންމެ ސީޒަނެއްގައި ވެސް ދެ ޓީމުގެ ސަޕޯޓަރުން ވަރަށް ޝައުގުވެރިކަމާ އެކު އިންތިޒާރުކުރަމުން އަންނަ ކުރިމަތިލުމެކެވެ.
އެވަޓަންގެ ދަނޑުގައި ކުޅެ އެންމެ ފަހުން އެ ޓީމަށް ލިވަޕޫލް ބަލިކުރެވިފައިވަނީ 2010 ވަނަ އަހަރުގައިކަމުން މިއީ ވަރަށް ތާރީޚީ މޮޅެއްގެ ގޮތުގައިވަނީ ބެލެވިފައެވެ. މިއީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްގެ ފަހު މާސީސައިޑް ޑާބީކަމުން އެކަމުގެ ހިތްހަމަޖެހުން ވެސް އެވަޓަންއަށް އޮތެވެ.
މި ކާމިޔާބީއާ އެކު އެވަޓަންއަށް މިހާރު ވަނީ އަންނަ ސީޒަންގައި ޕްރިމިއާ ލީގުގައި އޮވެވޭނެކަން ގާތްގަނޑަކަށް ޔަގީންކުރެވިފައެވެ. އެ ޓީމު މިހާރު އޮތީ ކުޅުނު 34 މެޗުން 33 ޕޮއިންޓާ އެކު ތާވަލުގެ 16 ވަނައިގައެވެ.
މެޗުން ބަލިވުމުން ލިވަޕޫލް އުޅެނީ 74 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ.