އެންޗެލޮޓީ އެނބުރި ލަންޑަނަށް، ޕްރިމިއަރ ލީގު ކްލަބުތައް އެލާޓަށް!

ކުރިން ޔުވެންޓަސް، އޭސީ މިލާން، ޕީއެސްޖީ، ޗެލްސީ، ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކް ފަދަ ކްލަބުތަކަށް ކޯޗުކަން ކޮށްދީފައިވާ ކާލޯ އެންޗެލޮޓީ ވަނީ އިނގިރޭސި ކްލަބަކަށް ކޯޗުކޮށްދިނުމަށް ޝައުގުވެރިވާކަން ހާމަކޮށްފައި -- ފޮޓޯ: ގެޓީ

ޗެލްސީގެ ކުރީގެ ކޯޗު ކާލޯ އެންޗެލޮޓީ، ޖަރުމަނު ދޫކޮށް އެނބުރި ލަންޑަނަށް އަތުވެއްޖެއެވެ.

ޔޫރަޕްގެ ބޮޑެތި ކްލަބުތަކަށް ކޯޗުކޮށްދީފައިވާ އެންޗެލޮޓީ އެނބުރި ލަންޑަނަށް އައިސްފައި މިވަނީ، ޗެމްޕިއަންސް ލީގުގައި މިދިޔަ ސެޕްޓެމްބަރު މަހު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަތުން 3-0 ލަނޑުން ބަޔާން މިއުނިކް ބަލިވި މެޗަށް ފަހު، އެ ކްލަބުގެ ކޯޗުކަމުން އޭނާ ވަކިކުރުމުންނެވެ.

މީގެ ކުރިން ޗެލްސީގެ ކޯޗުކަން ވެސް ކޮށްފައިވާ، އެންޗެލޮޓީ އެނބުރި ލަންޑަނަށް އައުމާއެކު، ޕްރިމިއަރ ލީގުގެ ބައެއް ކްލަބުތަކުން މިހާރުވެސް އޭނާއަށް "ކަޅިއަޅަމުން"ދާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަމަށްވެސް އެންޗެލޮޓީ ހިނގައިދާނޭކަމުގެ ޚަބަރުތަކެއް ފެތުރިފައިވާ މި ދަނޑިވަޅުގައި، އޭނާ ވަނީ ޕްރިމިއަރ ލީގުގެ ކްލަބަކަށް ކޯޗުކޮށްދިނުމަށް ޝައުގުވެރިވާކަން ހާމަކޮށްފައެވެ.

ޗެލްސީގެ ކޯޗު އެންޓީނިއޯ ކޮންޓޭ އެ ކްލަބާއެކު ވެފައިވާ އެއްބަސްވުން އާކުރުމަށް ދެކޮޅު ހަދާފައިވާއިރު، މި ސީޒަނަށްފަހު އޭނާ އެ ކްލަބު ދޫކޮށްލައިފާނޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ މި ދަނޑިވަޅުގައި، ޗެލްސީއާ އަލުން އޭނާ ގުޅިދާނެ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

"އަހަރެން ބޭނުންވަނީ ކްލަބަކަށް ކޯޗުކޮށްދޭން. ގައުމީ ޓީމަކާ ހަވާލުވުމަކީ އެހެން ވަޒީފާއަކަށް ދިއުންފަދަ ކަމެއް،" ކުރިން ޔުވެންޓަސް، އޭސީ މިލާން، ޕީއެސްޖީ އަދި ރެއާލް މެޑްރިޑަށް ވެސް އިރުޝާދުދީފައިވާ ކޯޗު ބުންޏެވެ.

"އިޓަލީ ފުޓްބޯޅައަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފައި. އެއީ އަހަންނަށް އެކަނި ހައްލުކުރެވިދާނޭ ކަންތައްތަކެއް ނޫން. އެއީ އިޓީލީ ފުޓްބޯޅަ ފެޑަރޭޝަންގެ މައްސަލައެއް."

ޕްރިމިއަރ ލީގުން އެންޗެލޮޓީއަށް ޝައުގުވެރިވާނީ ހަމައެކަނި ޗެލްސީން އެކަންޏެއް ނޫނެވެ. އާސެނަލްގެ ކޯޗު އާސެން ވެންގާވެސް އެ ކްލަބުން ވަކިވެދާނޭ ކަމަށް ބެލެވޭ މި ދުވަސްވަރު، އާސެނަލްއާ އެންޗެލޮޓީ ހަވާލުވުމަކީ ވެސް ދުރުކަމެއް ނޫންކަމަށް ތަޖްރިބާކާރުން ދެކެއެވެ.

comment ކޮމެންޓް