ގްރީން ބަލިކޮށް، އެފްއޭ ކަޕްގެ ތިން ވަނަ މާޒިޔާ އިން ހޯދައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗެއްގެ ތެރެއިން: އެފްއޭ ކަޕްގެ ތިން ވަނަ ހޮވުމަށް މިއަދު ހަވީރު ކުޅުނު މެޗުގައި ގްރީން އަތުން މާޒިޔާ މޮޅުވީ 2-0 ގެ ނަތީޖާ އަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، އެފްއޭ ކަޕްގެ ތިން ވަނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ހޯދައިފި އެވެ.

ތިން ވަނަ ހޮވުމަށް މިއަދު ހަވީރު ކުޅުނު މެޗުގައި ގްރީންގެ މައްޗަށް މާޒިޔާ އިން ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާ އަކުންނެވެ.

އެ މެޗުގެ 30 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. ކޯނަރެއްގެ ތެރެއިން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ޝަމީމެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ގްރީންގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާ އަކުންނެވެ.

އެ މެޗުގައި މާޒިޔާ އިން ކާމިޔާބުކުރި ދެ ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސަމްދޫހު މުހައްމަދެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ގްރީންގެ ހާފްގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ފޮނުވާލި ހަމަލާ އަކުންނެވެ.

އެފްއޭ ކަޕްގެ ފައިނަލުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ޓީސީ ސްޕޯޓްސް ކްލަބު މިރޭ ނުކުންނާނެ އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައެވެ.

comment ކޮމެންޓް