އަކްރަމް ނިއުގައި މަޑުކުރަން ނިންމައިފި

އަކްރަމް (ކ) ނިއުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އެ ޓީމުގެ ޖެނެރަލް ސެކްރެޓަރީ ޓެޑްއާ އެކު--

ނިއު ރޭޑިއަންޓްގެ ޑިފެންޑަރު އަކްރަމް އަބްދުލްޣަނީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.

ވެލެންސިއާ ދޫކޮށް މި ސީޒަނުގައި ނިއުއަށް ބަދަލުވި އަކްރަމް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި އެއާއެކު އޭނާ ދަނީ މި އަހަރު ބަރާބަރަށް ގައުމީ ޓީމުން ޖާގަ ހޯދަމުންނެވެ.

އަކުރަމް ނިއުގެ އެއްބަސްވުން އާ ކުރީ ކިހާ މުއްދަތަކަށް ކަމެއް ހާމައެއް ނުކުރެއެވެ. ސޮއިކުރުމަށް ފަހު އަކްރަމް ބުނީ އެ ކްލަބްގައި މަޑުކުރަން ނިންމީ އެ ޓީމުގައި މިހާރު އޮތް މެނޭޖްމަންޓު ރަނގަޅުވުމުންނާއި އެ ކްލަބްގެ ކޯޗު އޮސްކާގެ އިރުޝާދުގެ ދަށުން ކުޅެން ބޭނުންވާތީ ކަމަށެވެ.

ދިވެހި ޕްރިމިއާ ލީގު ނިއުއިން ކާމިޔާބުކުރިއިރު ޑިފެންޑަރެއްގެ ގޮތުގައި އަކްރަމް ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އަދި ނިއުއިން މިހާރު ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ކުރިއަށް ގެންދިއުމުގައި ވެސް އަކްރަމް އަންނަނީ މުހިންމު ރޯލެއް ކުޅެމުންނެވެ.

ތޭވިސް އަހަރުން ދަށުގެ ގައުމީ ޓީމުން ފާހަގަ ކޮށްލެވުނު އަކްރަމް ވަނީ ވެލެންސިއާގެ އިތުރުން ވިކްޓަރީ އާއި ވީބީ ސްޕޯޓްސް ކްލަބް އަދި މާޒިޔާއަށް ވެސް ކުޅެފައެވެ. އަދި އަކްރަމް އަކީ ދަނޑުމަތީގައި އަޚްލާގު ރަނގަޅު ކުޅުންތެރިއެއް ކަމަށް ކޯޗުން ވެސް ފާހަގަކުރެއެވެ.

comment ކޮމެންޓް