ޕީއެސްޖީއަށް ނިންމައިނުލެވުނަސް ތަފާތު ދައްކަން ލިވަޕޫލަށް ބޭނުންވީ އެންމެ ފުރުސަތެއް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ލިވަޕޫލުން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) ބަލިކޮށް، ކުއާޓާ ފައިނަލުގެ އުންމީދު އާކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.

މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ވެސް ޕީއެސްޖީންނެވެ. ނަމަވެސް، ޕީއެސްޖީއަށް ލިވަޕޫލް ކޮޅަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗުގެ ފުރަތަމަ ފަސް ވަރަކަށް މިނެޓު ލިވަޕޫލުން ޕީއެސްޖީއަށް ކޮންމެ ވެސް ވަރަކަށް ނުރައްކާކުރި ނަމަވެސް ދެން ފެނުނީ ޕީއެސްޖީއިން ހަމަލާއަކަށް ފަހު ހަމަލާއެއް އުފެއްދި ތަނެވެ. މިގޮތުން، އުސްމާން ޑެންބެލޭއާއި ދާދި ފަހުން އެ ޓީމަށް ނަޕޯލީން ގުޅުނު ހަވީޗާ ކްރަވަޓްސްހޭލިއާ ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގައި ޕީއެސްޖީން މުޅިއަކު 27 ހަމަލާ އުފެއްދިއިރު ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ނުވަ ހަމަލާ ދިފާއުކޮށް މި މެޗުގައި އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުން ލިވަޕޫލް ކޮޅަށް ލަނޑެއް ނުވަދެ ސަލާމަތްވުމުގެ އަސްލަކީ އެލިސަންއެވެ.

ލިވަޕޫލަށް މެޗުގެ ލީޑު ލިބުނީ 87 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ހާވީ އެލިއޮޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެއީ ޕީއެސްޖީގެ ގޯލަށް އަމާޒުކޮށް ލިވަޕޫލަށް ފޮނުވާލެވުނު ހަމައެކަނި ހަމަލާއެވެ.

ފަހު ވަގުތު، ލިވަޕޫލުން އުޅުނީ މުޅި ޓީމު ފަހަތަށް ބާލައިގެން ޑިފެންސް ކުރާށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ، މެޗުގައި ދެ ޓީމުގެ ތަފާތު ވަރަށް ބޮޑަށް ވެސް ފެނުނު ކަމަށާއި އޭނާގެ ޓީމުގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. މެޗުގައި ތަފާތަކަށް ފެނުނީ ލިވަޕޫލްގެ ކީޕަރުގެ އާދަޔާ ހިލާފު މޮޅު ކުޅުން ކަމަށް އޭނާ ގަބޫލުކުރެއެވެ.

އެންރީކޭ ބުނީ، ލިވަޕޫލަށް ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު މިހާރު ބޮޑު ކަމަށާއި ނަމަވެސް ދެވަނަ ލެގުގައި ވެސް ޕީއެސްޖީއަށް މި ކުޅުން ތަކުރާރު ކުރެވިއްޖެނަމަ އެ ޓީމަށް ވެސް އެ ފުރުސަތު ލިބުމަކީ ގާތް ކަމެއް ކަމަށެވެ. ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ވެސް ބުނީ، މެޗުގައި ޕީއެސްޖީން ވަނީ މޮޅު ކުޅުމެއް ދައްކާފައި ކަމަށެވެ. މެޗު އެއްވަރުވި ނަމަވެސް އެ ޓީމުން ތިބީހީ އުފަލުން ކަމަށް ސްލޮޓް ބުންޏެވެ.

ދެވަނަ ލެގު ކުޅޭނީ ލިވަޕޫލްގެ ދަނޑުގައި ކަމުން ލިވަޕޫލްގެ ފަރާތުން މިއަށް ވުރެ ބޮޑަށް ހަމަލާއަށް އިސްކަންދީގެން ކުޅޭނެ ކަމަށް ބެލެވެއެވެ. ލިވަޕޫލްގެ ދަނޑުގައި ލިވަޕޫލް ބަލިކުރުން ވާނީ ޕީއެސްޖީއަށް ވަރަށް އުނދަގޫ ކަމަކަށެވެ.

comment ކޮމެންޓް