ލިވަޕޫލުން ސައުތެމްޕްޓަން ބަލިކޮށް 16 ޕޮއިންޓްގެ ލީޑެއް ނަގައިފި

ލިވަޕޫލުން ސައުތެމްޕްޓަން ބަލިކޮށް 16 ޕޮއިންޓްގެ ލީޑެއް ނަގައިފި --

އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލާއި ތާވަލްގެ އެންމެ ފުލުގައި އުޅޭ ސައުތެމްޕްޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލިވަޕޫލުން 16 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައި ވަނީ ފަހަތުން އަރާ ތިން ލަނޑު އެއް ލަނޑުންނެވެ. ލިވަޕޫލުން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗުގައި ސައުތެމްޕްޓަންއިން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މިމެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ލަނޑެއް ޖެހުނަނުދީ ހިފެހެއްޓުމުގެ އިތުރުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައިވަނީ ވެސް ސައުތެމްޕްޓަންއިންނެވެ.

މިލަނޑު އެޓީމަށް ޖަހައިދިނީ ވިލް ސްމޯލްބޯންއެވެ. ނަމަވެސް ސައުތެމްޕްޓަންއަށް މިލީޑު ދެމެހެއްޓޭވަރުވީ މެޗުގެ 51ވަނަ މިނެޓާ ހަމައަށެވެ. މިގޮތުން ޑާވިން ނޫނޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ލިވަޕޫލަށް ހަމަހަމަ ކޮށްދީފައެވެ. މިމެޗުން ލިވަޕޫލަށް ލީޑު ނަގައިދިން ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 54ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން މުހަންމަދު ސަލާހްއެވެ.

އަދި 88ވަނަ މިނެޓުގައި ލިވަޕޫލްގެ ފަހު ލަނޑު ވެސް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދީފައިވަނީ ސަލާހްއެވެ. މިއީ މިފަހަރުގެ ޕްރިމިއާ ލީގުގައި ސަލާހް ކާމިޔާބު ކޮށްދިން 27ވަނަ ލަނޑެވެ.

މިކަމިޔާބީއާއެކު ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 29 މެޗުން ލިބިފައިވާ 70 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި 16 ޕޮއިންޓްގެ ލީޑަކާއެކުއެވެ. އަދި ސަައުތެމްޕްޓަން އުޅެނީ ނުވަ ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ. މިމުބާރާތުގައި ކްރިސްޓަލް ޕެލަސް އާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޕެލަސްއެވެ. މިމެޗުގައި ޕެލަސްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 82ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިސްމައިލާ ސާއެވެ.

މިމެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެެ. މިކާމިޔާބީއާއެކު ޕެލަސް މިހާރު އުޅެނީ 39 ޕޮއިންޓާއެކު ތާވަލްގެ 11ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އިޕްސްވިޗް އުޅެނީ 17 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.

comment ކޮމެންޓް