ކުއާޓާއަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ހޮޅުދުއާއި ޅޮހި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހޮޅުދީ މޮޅުވީ 4-1 ލަނޑުން ---

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ އެވެ.

ކުއާޓާއަށް ދަތުރުކުރި ހުރިހާ ޓީމެއް ކަށަވަރުވީ މިއަދު ހަވީރު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ފަހު އެވެ. ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ތިނެއްގެ މެޗުގައި ޅޮހި އަތުން އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫ ވަނީ 4-1 ލަނޑުން މޮޅުވެފަ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ހޮޅުދުއާއި ޅޮހި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހޮޅުދީ މޮޅުވީ 4-1 ލަނޑުން ---

އެ މެޗުގެ ފުރަތަމަ ހާފުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހޮޅުދޫގެ އަހްމަދު ހުނައިފް ވަނީ ހެޓްރިކެއް ފުރިހަމަކޮށްފަ އެވެ. އޭނާގެ ފުރަތަމަ ލަނޑު މެޗުގެ ފަސް ވަނަ މިނެޓުގައި ފެނިގެންދިޔަ އިރު، އޭނާގެ ދެ ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 14 ވަނަ މިނެޓުގަ އެވެ. އަދި ހުނައިފްގެ ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 32 ވަނަ މިނެޓުގަ އެވެ.

މެޗުގައި ޅޮހި ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 61 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޅޮހި ޓީމަށް ކާމިޔާބުކޮށްދިނީ އަލީ އަކްޝަމް އެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ހޮޅުދޫގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތިން ލަނޑު ވެސް ކާމިޔާބުކޮށްދިން ހުނައިފް އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ހޮޅުދުއާއި ޅޮހި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހޮޅުދީ މޮޅުވީ 4-1 ލަނޑުން ---

އެ މުބާރާތުގެ ކުއާޓާގެ ޖާގަތައް ހޯދާފައި ވަނީ ހޮޅުދުއާއި، ލަންދުއާއި، މިލަދުއާއި، ހެނބަދުއާއި، ކުޑަފަރީ އާއި، މާޅެންދުއާއި މަނަދޫ އަދި ވެލިދޫ އެވެ. ކުއާޓާގެ ޖާގަތައް ލިބެނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކަށާއި ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށެވެ. އެންމެ ފަހުގެ ރަނަރަޕް ކެނދިކުޅުދުއަށް ކުއާޓާ ފައިނަލުގެ ޖާގައެއް ލިބިފައެއް ނުވެ އެވެ.

ކުއާޓާގެ މެޗުތައް

  • 06 ޑިސެމްބަރު: މިލަދޫ – މަނަދޫ
  • 07 ޑިސެމްބަރު: ހޮޅުދޫ – ކުޑަފަރީ
  • 08 ޑިސެމްބަރު: ހެނބަދޫ – ވެލިދޫ
  • 09 ޑިސެމްބަރު: ލަންދޫ – މާޅެންދޫ

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ހޮޅުދުއާއި ޅޮހި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހޮޅުދީ މޮޅުވީ 4-1 ލަނޑުން ---

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ.

comment ކޮމެންޓް