ޑެހެއާ އަކީ ދުނިޔޭގެ އެންމެ މޮޅު ކީޕަރު: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ(ކ) އަދި އެ ޓީމުގެ ކީޕަރު ޑޭވިޑް ޑެހެއާ--

މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަކީ ދުނިޔޭގެ އެންމެ މޮޅު ކީޕަރު ކަމަށް އެ ޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި، ޔުނައިޓަޑަށް ލީޑްގައި ހިފަހައްޓާ ލެވުނީ، އާސެނަލްއިން ފޮނުވާލި ނުރައްކާތެރި ގިނަ ބޯޅަތަކެއް ޑެހެއާ ސަލާމަތް ކުރުމުންނެވެ.

ޑެހެއާ ވަނީ ރޭގެ މެޗުގައި 14 ސޭވް ކޮށްފަ އެވެ. އެއާ އެކު އެއް މެޗެއްގައި އެންމެ ގިނަ ސޭވް ކުރި ކީޕަރުގެ ރެކޯޑު އޭނާ އަށް ވަނީ ލިބިފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ބޮޑެތި މެޗުތަކުގައި ގޯލްކީޕަރުންގެ ރޯލު ވަރަށް މުހިންމު ވާނެ ކަމަށާއި ރޭގެ މެޗުގައި ޑެހެއާ ވަނީ އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

"މެޗަށް ފަހު އަހަރެން ޑެހެއާ ގާތު ބުނިން މިއަދު އަހަރެންނަށް މިފެނުނީ ދުނިޔޭގެ އެންމެ މޮޅު ކީޕަރުގެ ކުޅުން ކަމަށް. ކީޕަރުންނަކީ ކިހާ މުހިންމު ބައެއްކަން ޑެހެއާ ދެއްކި ކުޅުމުން އެނގޭނެ." މޮރީނިއޯ ބުންޏެވެ.

މެޗުގައި ދެއްކި ކުޅުމާ ބެހޭ ގޮތުން ސުވާލު ކުރުމުން އުމުރުން 27 އަހަރުގެ ޑެހެއާ ބުނީ ރޭގެ މެޗަކީ އުނދަގޫ މެޗެއް ކަމަށާއި ނަމަވެސް މެޗުން މޮޅުވުމުން ވަރަށް އުފާވާ ކަމަށެވެ.

"އަހަރެމެން އަވަސް ދެ ގޯލު ޖެހިން. ނަމަވެސް ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް އަހަރެމެންނަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ. އަދި ޕައުލް ޕޮގްބާ އަށް ރަތް ކާޑު ދެއްކުމުން މެޗު އިތުރަށް އުނދަގޫވި." ޑެހެއާ ބުންޏެވެ.

ރޭގެ މެޗުގައި ޔުނައިޓަޑްގެ ޕޮގްބާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެހެންކަމުން ލީގުގައި ޔުނައިޓަޑާ ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ އަށް ނުކުޅެވޭނެ އެވެ.

comment ކޮމެންޓް