އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިލަންދޫ އަތުން ބަލިވެ، ގަދަ ހަތަރެއް ކަށަވަރުކުރުމަށް ލިބުނު ފުރުސަތު ގދ. ތިނަދޫ އިން ގެއްލުވާލައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި މިލަންދޫ އަތުން ތިނަދޫ ބަލިވެފައި ވަނީ 3-2 ލަނޑުގެ ނަތީޖާ އަކުންނެވެ. އެ މެޗަކީ ތިނަދޫ އަދި މިލަންދޫގެ ފަހު މެޗެވެ.
ލީގުގައި ކުޅުނު 14 މެޗުން ލިބުނު 18 ޕޮއިންޓާ އެކު މިވަގުތު ތާވަލުގެ ހަތަރު ވަނައިގައި ތިނަދޫ އޮތް ނަމަވެސް، މިއަދު ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު އަތުން ގްރީން ސްޓްރީޓްސް މޮޅުވެއްޖެ ނަމަ، ތިނަދުއަށް ހަތަރު ވަނަ މަގާމު ގެއްލޭނެ އެވެ. ގްރީނަށް ކުޅުނު 13 މެޗުން ލިބިފައި ވަނީ 16 ޕޮއިންޓެވެ. ރޭގެ މެޗުން މޮޅުވި މިލަންދޫ އޮތީ ކުޅުނު 14 މެޗުން ލިބުނު 14 ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނައިގަ އެވެ.
ރޭގެ މެޗުގެ ތިން ވަނަ މިނެޓުގައި މިލަންދުއަށް އިޝާން އިބްރާހިމް (ސައްޓު) ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ އަށް ވަނަ މިނެޓުގައި ތިނަދުއަށް ލިބުނު ޕެނަލްޓީއަކުން އަހްމަދު ރިޒުވާން (ރިޒޭ) ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗުގެ 20 ވަނަ މިނެޓުގައި މިލަންދުއަށް އަލުން ސައްޓު ވަނީ ލީޑު ހޯދައިދީފަ އެވެ. މިލަންދޫ އިން ލީޑު ހޯދިތާ ނުވަ މިނެޓް ފަހުން ދެ ވަނަ ފަހަރަށް ތިނަދުއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖޯޖް އިވާން ކައިސީޑޯ ރޮޑްރިގޭޒެވެ.
މިލަންދޫ އިން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފުގެ ތެރޭގަ އެވެ. މެޗުގެ 60 ވަނަ މިނެޓުގައި މިލަންދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސައްޓު އެވެ. އެ ލަނޑާ އެކު އޭނާގެ ހެޓްރިކް ފުރިހަމަވެގެންދިޔަ އެވެ.
ލީގުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރާ އިރު، މިރޭ ކުޅޭ މެޗުގައި ބައްދަލުކުރަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. އެ މެޗުތަކަށް ފަހު، މިއަހަރުގެ ދިވެހި ޕްރިމިއާ ލީގު ނިމިގެންދާނެ އެވެ.