ސްނެޕްޗެޓްގައި ހިމެނޭ ސްޓްރީކް ފޭސްބުކް މެސެންޖާއަށް؟

ފޭސްބުކް މެސެންޖާ. ސްނެޕްޗެޓްގައި ހުރި ގިނަ ފީޗާސްތައް ފޭސްބުކް އިން ވަނީ ނަކަލު ކޮށްފައި --

ސޯޝަލް މީޑިއާ ނެޓްވޯކް ސްނެޕްޗެޓް އާންމު ވުމާއެކު އެންމެ ފާހަގަ ކުރެވުނީ ސްނެޕްޗެޓްގައި ހިމެނޭ، އާންމުންގެ މަގުބޫލުކަން ލިބެމުންދާ ފީޗާތައް، ސޯޝަލް މީޑިއާގެ އެހެން ވިއުގަތަކުން ނަކަލު ކުރަން ފެށިތަނެވެ.

ހާއްސަކޮށް ފޭސްބުކް އަދި ފޭސްބުކުން ހިންގަމުން އަންނަ އިންސްޓަގްރާމުންނެވެ. އެގޮތުން ސްނެޕްޗެޓްގައި ހިމެނޭ ފޭސް ފިލްޓާސް އަދި ސްޓޯރީ ފީޗާ، ފޭސްބުކް، ފޭސްބުކް މެސެންޖާ އަދި އިންސްޓަގްރާމްގައި ވަނީ ހިމަނައިފައެވެ. މީގެ އިތުރުންވެސް ސްނެޕްޗެޓްގައި ހިމެނޭ ގިނަ ފީޗާތަކެއް ފޭސްބުކުން ވަނީ ނަކަލު ކޮށްފައެވެ.

އެންމެ ފަހުގެ ޓެކްނޮލަޖީ ހަބަރުތައް ބުނާ ގޮތުން ފޭސްބުކުން މިހާރު މަސައްކަތް ކުރަނީ ފޭސްބުކް މެސެންޖާގައި ސްޓްރީކް ފީޗާ ހިމެނުމަށެވެ. މި ފީޗާ މިހާރު ޓެސްޓުކުރަން ފަށާފައިވާއިރު، މެސެންޖާ ބޭނުން ކުރާ ބައެއް މީހުންނަށް ސްޓްރީކް ބޭނުން ކުރުމުގެ އިރުޝާދު ފޭސްބުކުން ދަނީ ޕޮޕް އަޕް ނޮޓިފިކޭޝަން އެއްގެ ގޮތުގައި ފޮނުވަމުންނެވެ.

ފޭސްބުކް މެސެންޖާގެ އޮފިޝަލަކާ ހަވާލާދީ ޓެކް ހަބަރުތައް ގެނެސްދޭ "މެޝެބަލް"ގައި ބުނެފައި ވަނީ ޖެހިޖެހިގެން ތިން ދުވަސް ވަންދެން މެސެންޖާ މެދުވެރިކޮށް އެކަކު އަނެކަކަށް މެސެޖް ކުރުމުން "ލައިޓްނިން" އިމޯޖީ ފެންނާނެ ކަމަށާ، މެސެޖް ކުރާ ދުވަސްތަކުގެ އަދަދުވެސް ފެންނާނެ ކަމަށެވެ. މިއީ ސްނެޕްޗެޓްގައިވެސް ސްޓްރީކް ފެންނަ ގޮތެވެ.

ސްނެޕްޗެޓް ބޭނުންކުރާ ގިނަ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ފީޗާ އަކީ ސްޓްރީކްއެވެ. އެތައް ސަތޭކަ ދުވަހެއް ވަންދެން އެކުވެރިންނަށް ސްނެޕްކޮށް ސްޓްރީކް ބޮޑުކުރުމަށް ސްނެޕްޗެޓްގައި ގިނަ ޒުވާނުން ހަރަކާތްތެރިވެއެވެ. މިއީ ބޮޑު ކޮމިޓްމެންޓަކާއެކު ސްނެޕްޗެޓްގެ އަހުލުވެރިން ފޫހިކަމެއް ނެރި ކުރާ ކަމަކަށް ވާއިރު ފޭސްބުކް މެސެންޖާއަށް ސްޓްރީކް ފީޗާ ގެންނަން އުޅޭ ވާހަކައާއެކު ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް